ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް ލިބިފައިވާއިރު އައްޑޫ ސިޓީގެ 140 ގެއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
ފުލުހުން ބުނެފައިވަނީ އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ 44 ގެ، މަރަދޫ ހަތަރު ގެ، މަރަދޫ-ފޭދޫ 12 ގެ، ފޭދޫ 43 ގެ، ހުޅުދޫ 10 ގެ އަދި މީދޫ 27 ގެ ކަމަށެވެ.
"މިހާތަނަށް އެހީތެރިކަމަށް އެދިފައިވާ ގެތަކުގެ ތެރެއިން 28 ގެއަކަށް އެހީތެރިކަން ފޯރުކޮށް ނުދެވި ވާކަން ފާހަގަކުރަން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ގެތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުން ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި ވިއްސާރައިގަ ގޭގެއަށް ލިބިފައިވާ ގެއްލުން ކައުންސިލުން ދަނީ ބަލަމުންނެވެ. ވެލިބަސްތާ ޖެހުމުގެ މަސައްކަތާއި ފެން ހިންދުމުގެ މަސައްކަތުގަ ކައުންސިލަށް އެހީތެރިވުމުގެ ގޮތުން ފުލުހުންނާއި ސިފައިންނާއި ފެނަކައިގެ މުވައްޒަފުންނާއި ޕަބްލިކް ވޯކްސް މުވައްޒަފުންނާއި ރެޑް ކްރެސެންޓްގެ ދަރުމަވެރިންގެ އިތުރުން ކައުންސިލްގެ މުނިސިޕަލް ސާވިސް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް