މެނޭޖްމެންޓް ދާއިރާއިން މާސްޓާސް ޑިގްރީ ނިންމީ އުމުރުން 25 އަހަރުގައެވެ. އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ކިޔަވައިގެން ހުރި މީހަކާ ނޫނެވެ. އޭނާ އަކީ މަސްވެރިއެކެވެ. ހަލާލު ގޮތުގައި ފައިސާ ހޯދަން ކުރާ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ. ނުކިޔަވާ ހުރި މީހެއް ނަމަވެސް އެއީ އަހަރެންނާއި އަހަރެންގެ އާއިލާ ދެކެ އިންތިހާޔަށް ލޯބިވާ ފިރިއެކެވެ.
ކިޔަވާ ނިންމާފައި އަހަރެން ކައިވެނި ކުރީމެވެ. އޭރު އަހަރެންނަށް ވަނީ ސަރުކާރު އޮފީހެއްގެ މަތީ މަގާމަކުން ވަޒީފާ ލިބިފައެވެ. ކައިވެނިކުރުމަށްފަހު އަހަރެއް ވީތަނާހެން ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ. އޭގެ އެއް އަހަރު ފަހުން ދެވަނަ ދަރިއަކު ލިބިއްޖެ އެވެ. ދަރިން ބަލަން އަހަރެން ގޭގައި ބައިންދާކަށް ފިރިމީހާގެ ހިތެއް ނުރުހުނެވެ. އަހަރެން ކިޔެވި އެއްޗެއްގެ ބޭނުން ކުރެވޭނީ ވަޒީފާ އަށް ގޮސްގެން ކަމަށް ބުންޏެވެ. އެވާހަކަ އާއި އަހަރެން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް އޭނާ އަހަރެންނަށް ވިސްނައިދިނެވެ.
އޭނާ ބުނިގޮތުގައި އޭނާ އަކީ މާ ބޮޑު އެއްޗެއް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އަހަރެން ކިޔަވައިގެން ހުރި މީހާ ވަޒީފާ އަށް ދިއުމަށް ބާރު އެޅިއެވެ. އަހަރެންގެ ފިރިމީހާ އަކީ ގޭތެރޭގެ މަސައްކަތްތައް ކުރަން އިނގޭ މީހެކެވެ. ކައްކާ، އެއްޗެހި ދޮވެ އަދި ދަރިންގެ ކަންތައްތައް ކުރަން އިނގޭވަރުގެ ކުޅަދާނަ މީހެކެވެ. ދަރިންގެ އެއްވެސް ކަމެއް އުނި ނުވާނެކަމުގެ ޔަގީންކަމާއި އެކު ފިރިމީހާ ގޭގައި ބައިންދާފައި އަހަރެން ވަޒީފާ އަށް ނިކުންނަން ފެށީމެވެ.
އޮފީސް ނިންމާފައި އަހަރެން ގެއަށް އަންނައިރު އަހަރެން ކުރާނެ އެއްވެސް މަސައްކަތެއް ނުހުރެ އެވެ. ކައްކާފައި ހުންނަނީ އާދައިގެ ގަރުދިޔަ އާއި ބަތެއް ނޫނެވެ. މުޅިންވެސް ކައްކާފައި ހުންނަނީ އަހަރެންނަށް މީރު އެއްޗިއްސެވެ. އަހަރެންގެ އަންހެން ދަރިފުޅުގެ ބޮލުގައި ފުނާ އަޅާފައި ހުންނަނީ ނިކަން ނަލަކޮށެވެ. އަހަރެންގެ ފިރިމީހާ އަކީ އަހަރެންނަށް ލިބުނު ރަންގަނޑެކޭ ހިތައް އަރައެވެ.
އެންމެ ފުރަތަމަ ދުވަހު އެކުވެރިން ބުނި ވާހަކަ ހަނދާނަށް އައެވެ. ތާކުންތާކު ނުޖެހޭ މަސްވެރިޔަކާ އިންނާނީ މޮޔައެކޭ އެމީހުން ކިޔެވެ. ރަގަޅު ހަރުދަނާ މީހަކާ އިނުމަށް އެމީހުން ބާރު އެޅިއެވެ. އަހަރެންނާއި އަޅާކިޔާއިރު އެއީ އެއްވެސް ފެންވަރެއްގެ މީހެއް ނޫނޭ ބުންޏެވެ. އޮފީހެއްގެ މޭޒު ދޮށުގައި އިނުމަށްވުރެ ގޭތެރޭގެ ކަންކަން ބަލަހައްޓާ ފިރިއަކަށްވުރެ ހަރުދަނާ ވާނީ ވަކި ކާކު ހެއްޔެވެ.
ދިރިއުޅުމެއް ފަށާއިރު ބައިވެރިޔާގެ "ސްޓޭސަސް" އަކީ މުހިންމު އެއްޗެއް ނޫނެވެ. އެއަށްވުރެ ލޯތްބާއި އަޅައިލުން އަދި އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެވޭނެވަރުގެ މީހަކު އިޚްތިޔާރު ކުރުން މުހިންމެވެ.
އެކި ދުވަސް މަތިން ޗުއްޓީ ނަގައިގެން އަހަރެން ފިރިމީހާ މަސްބާނަން ފޮނުވަމެވެ. މިއީ އަހަރެންގެ ވާހަކައެވެ. އަހަރެންނަކީ ހީވާގި މުވައްޒަފެކެވެ. އަހަރެންގެ ފިރިމީހާ އަކީ ފިސާރި ބައްޕަ އެކެވެ. މިއާއިލާ ހިނގަނީ އަހަރެންނަށް ލިބޭ މުސާރައިންނެވެ. މިއީ އުފާވެރި އާއިލާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް