ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019: 'މިކޮޅުކޮޅުން' އަދި ހޮސްކޮވޯ ފައިނަލަށް

ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ "ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019" ގެ ފައިނަލަށް 'މިކޮޅުކޮޅުން' އަދި ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ހޮވިއްޖެއެވެ. 'މިކޮޅުކޮޅުން' ފައިނަލަށް ހޮވުނީ މިއަދު ހެނދުނ...

12 Oct 2019 | 07:01

ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ "ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019" ގެ ފައިނަލަށް 'މިކޮޅުކޮޅުން' އަދި ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ހޮވިއްޖެއެވެ.

'މިކޮޅުކޮޅުން' ފައިނަލަށް ހޮވުނީ މިއަދު ހެނދުނު ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ގޭދޮށުޓީމާ ވާދަކޮށް 6-1 އިން މެޗް ކާމިޔާބުކޮށްގެނެވެ. 2 ހެޓްރިކް ހަދައި 'މިކޮޅުކޮޅުން' ގެ ހުރިހާ ލަނޑެއް ކާމިޔާބުކުރީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ އެޓީމްގެ ފިރުޝާނާއެވެ. މި މެޗްގައިވެސް އޭނާވަނީ މޮޅު ކުޅުމެއް ދައްކައި، ކްއީން އޮފް ދަ މެޗްގެ މަޤާމް ޙާޞިލްކޮށްފައެވެ. ގޭދޮށުޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޒިޔާނާއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވާދަކުރީ ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އަދި ސީކްރެޓްސް އެވެ. މި މެޗްވެސް ވެގެންދިޔައީ ސެމީ ފައިނަލްގެ ފުރަތަމަ މެޗެކޭ އެއްގޮތަށް ތަފާތުބޮޑު ނަތީޖާއެއް ނުކުތް މެޗަކަށެވެ. މި މެޗް ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އިން ކާމިޔާބުކުރީ 5-0 އިން ފަސޭހަކަމާއެކުއެވެ. ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ގެ ފަސާހާވަނީ މިމެޗްގައި 3 ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މި މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމަށް ހޮވުނީވެސް ފަސާހާއެވެ. ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ތަމީމާ އަދި ނިއުޝާއެވެ.

'މިކޮޅުކޮޅުން' އަދި ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ވާދަކުރާ މުބާރާތުގެ ފައިނަލް މެޗް މިއަދު ހަވީރު ކެޔޮދޫ ޓާފް ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ދެޖިންސުގެ ސްޕޯޓަރުންގެ ފަރާތުންވެސް ފޯރިގަދަ ތަރުހީބެއް ފެނިގެންދާ މި މުބާރާތަކީ މިގޮތަށް އިންތިޒާމްކޮށްގެން ކެޔޮދޫގައި ބާއްވާ ފުރަތަމަ މުބާރާތްކަން ފާހަގަކުރެވެއެވެ.

ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގެ ސްޕޮންސަރުންނަކީ މޯލްޑިވް ގޭސް، ޖުޕިޓަރ ސަންރައިސް ލޮޖް، ދިލްޝާދު މާރޓް އަދި ދަ ލަޒާނިޔާ ޕޮޓް އެވެ. މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިނެވެ. ދުވަސް އޮންލައިން މެދުވެރިކޮށް މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ކިޔުންތެރިންނާ ހިއްސާކުރެވޭނެއެވެ. އަދި ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މި މައުލޫމާތުތައް އަޕްޑޭޓް ކުރެވެމުންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް