ކޮންމެ ޒަމާނެއްގައި އެމްޑީއެންގައި މަސައްކަތް ކުރިއަސް ދީނަށް ފުރައްސާރަކުރި ރިޕޯޓަކުން ނުރެކެވޭނެ: ރައީސް ޔާމީން

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގައި ކޮންމެ ޒަމާނެއްގައި މަސައްކަތް ކުރެއްވި ބޭފުޅެއް ހުރި ނަމަވެސް، އެބޭފުޅަކަށް އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުން ރެކިވަޑައިނުގެންނެވޭނެ ކަމަށް ކުރީގެ ރަ...

12 Oct 2019 | 04:08

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގައި ކޮންމެ ޒަމާނެއްގައި މަސައްކަތް ކުރެއްވި ބޭފުޅެއް ހުރި ނަމަވެސް، އެބޭފުޅަކަށް އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުން ރެކިވަޑައިނުގެންނެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"އަންނަނީ އަންނަނީީ" މި ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އިދިކޮޅު ރެލީގައި ވާހަކަދައްކަވަމުން އިދިކޮޅު ލީޑަރު، ރައީސް ޔާމީން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު އެމްޑީއެންގެ އެކި މަގާމުތައް ފުރުއްވާފައި، މިއަދު ސަރުކާރުން މަގާމެއް ދިނުމުން އެމްޑީއެންގައި އަދާކުރި މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެއީ އަދިވެސް އެ ޖަމިއްޔާގެ މެންބަރެއް ކަމަށާއި އެ ޖަމިއްޔާއިން ކުރާ ކަންކަމަށް އެ ބޭފުޅުން ތާއީދު ކުރައްވާނެ ކަމަށެވެ. އެމްޑީއެން އަކީ ސީދާ ދީނާ ހިލާފު ކަންކަން ކުރަން އުފައްދާފައި އޮތް ޖަމިއްޔާއެއް ކަމަށްވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މިކަމުގައި އަމަލު ކުރައްވާ ގޮތުން މިކަމުގައި ނުބައެއް އުޅޭ ކަމަށެވެ. ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އަމަލު ކުރައްވަމުން ގެންދަވާ ގޮތުން މިކަމުގައި ސިއްރުތަކެއް އުޅޭ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ކަމެއްގައި އެންމެ ފުރަތަމަ ބަސް ބުނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެންމެ ފުރަތަމަ މިކަމުގައި ފިޔަވަޅު އެޅުމަށް މުއައްސަސާތަކަށް އަންގަން ޖެހޭނީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

""އިސްލާމީ ދައުލަތަކާއި ދެކޮޅަށް، އިސްލާމްދީނާއި ދެކޮޅަށް ގޮންޖަހާފައި ނިކުތީމާވެސް އެކަމަށް ވެސް އެބަ ނަގާ 10 ދުވަސް. ޓްރެފިކް މައްސަލައަކަށް ޖަވާބު ދޭންވެސް ސަރުކާރުން އެބަނަގާ 10 ދުވަސް. މިއީ ދީނީ މައްސަލައެއް. މިކަަމުގައި ސަރުކާރުން އަވަހަށް ބަސް ބުނަން އެބަޖެހޭ. އަވަހަށް ފިޔަވަޅު އެޅެން އެބަޖެހޭ. އެކަމަކު މިފަދަ މައްސަލައެއްގައި ރައީސުލްޖުމްހޫރިއްޔާ މިހާ ވަނދުވީމަ މިކަމުގައި ސިއްރުތަކެއް އުޅޭކަން އެބަ އެނގޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ސަރުކާރުން އަޑަށް ބާރުލާފައި ދެންނެވިއަސް މައްސަލައަކީ ވަރަށް ސާފުކޮށް އޮތް މައްސަލައެއް ކަމަށެވެ. މިފަދަ ރިޕޯޓުތަކަކީ އިތުރަށް ތަހުގީގު ކުރަންޖެހޭ ވަރުގެ ރިޕޯޓުތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިތުރަށް ތަހުގީގު ކުރާ ވާހަކަ ސަރުކާރުން ދައްކަނީ ބަހަނާއަކަށް ކަަމަށާއި އެއީ އެ ޖަމިއްޔާއަށް ފިޔަވަޅު އަޅަން ނުކެރިގެން ދައްކާ ވާހަކައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް