މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު، ސިފައިންނާ ބައްދަލުކުރައްވައިފިއެވެ.
ރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ދެއްކެވި ވާހަކަފުޅުގައި ޤައުމު ބިނާކުރުމުގައި ސިފައިން ވަނީ ވަރަށް މުހިންމު ބޮޑެތި މަސަކަތްތަކެއް ކޮށްފައިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރަސްރަނި ބަގީޗާގެ މަސައްކަތް ފާހަގަކޮށް އެމަސައްކަތް އެހާ ކުރު މުއްދަތެއްގެ ތެރޭގައި، ސިފައިން ކޮށް ނިންމާލިކަން ފާހަގަކުރައްވާ ހުރިހާ ސިފައިންނަށްޓަކައި ފަޚުރުވެރިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފައިން މިއަދު ސާބިތުކޮށްދިނީ ކުރީގެ ޖީލުތަކުގެ ސިފައިންނެކޭ އެއްގޮތަށް ޤައުމީ ބޮޑެތި ކަންކަމުގައި ދިވެހި ރައްޔިތުންނަށް ހުރި ހަރުދަނާ ނަމޫނާ އެއްކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސިފައިންގެ ވެލްފެއަރ ކަންކަން ރަނގަޅު ކުރުމަށް ގިނަ ގުނަ މަސައްކަތްތެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ސިފްކޯ ހިޔާ ފްލެޓްގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. ހުއްޓުމެއްނެތި އެފަދަ ބޮޑެތި މަސައްކަތްތައް ކުރެވެމުންދަނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސިފައިންގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުކޮށް ފުރިހަމަ ކުރުމަށް ދެއްވާ އިރުޝާދާ އެކުގައިކަމަށް ވިދާޅުވެ ހުރިހާ ސިފައިންގެ ނަމުގައި ޑިފެންސް މިނިސްޓަރވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްއެންޑީއެފުން ހާމަކުރައްވާގޮތުގައި މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅަށްފަހު ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. އިސްވެ ދުޢާ ދެންނެވީ މޭޖަރ އަޙްމަދު ނަސީމެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ. އަދި ރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައިންކަމުގައި އެމްއެންޑީއެފުން ހާމަކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް