އިރާގުގެ ކުރުދިސްތާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނެގި ވޯޓު އިންތިޒާމުކުރި ކޮމިޓީގެ މެމްބަރުން ހައްޔަރު ކުރުމަށް އިރާގުގެ ކޯޓަކުން އަމުރު ނެރެފި އެވެ.
އިރާގުގެ ވެރިރަށް ބަގްދާދުގެ ކޯޓަކުން މި އަމުރު ނެރެފައިމިވަނީ އިރާގުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން މިކަމަށް އެދުމުންނެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްއަކީ އެގައުމުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ކައުންސިލެކެވެ.
ކޯޓުން އަމުރު ނެރެފައިވަނީ، އެ ވޯޓު އިންތިޒާމްކުރި ކޮމިޓީގެ ތިން މެމްބަރުން ކަމުގައިވާ އެ ކޮމިޓީގެ ޗެއަރވޮމެން ހެންޑްރެން ސާލިހް އާއި އެ ކޮމިޓީގެ ދެ މެމްބަރުން ކަމުގައިވާ ޔާރީ ހައްޖީ އޮމަރު އަދި ވާހިދާ ޔޯފޯ ހަރްމޭޒް ހައްޔަރު ކުރުމަށެވެ.
މިނިވަން ވަކި ދައުލަތަކަށްވުމަށް ކުރުދިސްތާނުގައި ނެގި ވޯޓުގައި ބޮޑު އަގުލަބިއްޔަތަކުން އެކަމަށް އާނއެކޭ ބުނެފައިވީނަމަވެސް އެ ވޯޓަކީ ބާތިލު އެއްޗެއް ކަމަށާއި ވޯޓު ބަލައި ނުގަންނާނެ ކަމަށް އިރާގުގެ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ވޯޓު ނެގި ފަހުން އިރާގުގެ ސަރުކާރުން އަންނަނީ ކުރުދިސްތާނުގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައިނަލްއަގްވާމީ އެއްވެސް އެއާލައިނެއް ކުރުދިސްތާނަށް ނުޖެއްސުމަށް އިރާގުން އެންގި އެންގުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް