N/A
ވިއްސާރައިގައި ނަގިލި ކަހައިގެން ގޮސް، ސިނަމާލެ ބްރިޖު ސަރަހައްދަށް އުރުނު ކަސްޓަމްސްގެ ދެ އުޅަނދުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ތަޙުޤީޤުކޮށްދެއްވުމަށް އެދި 241 ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ހުށަހެޅުއްވި މައްސަލައިގައި، ކަމާގުޅުންހުރި މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ މަޢުލޫމާތު ސާފުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
މާލެ ސަރަހައްދަށް ބުރާސްފަތި ދުވަހުގެ ރޭ ކުރި ވިއްސާރައިގައި އައި ވަރުގަދަ ވިލާގަނޑާއެކު، ނަގިލި ކަހައިގެން ދިޔަ ދެ އުޅަނދުގެ ތެރެއިން އެއް އުޅަނދު ބްރިޖުގެ ތަނބެއްގައި ޖެހިފައިވާއިރު، ދެ އުޅަނދުވެސް ވަނީ އެ ސަރަހައްދުގެ ތޮށިގަނޑު މައްޗަށް އުރިފައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި އަޅާފައި އޮތް މި ދެ އުޅަނދު އޮޔާދިޔަ ވަގުތު، އޭގެ ތެރެއިން އެއްވެސް އުޅަނދެއްގައި ފަޅުވެރިއަކު ނެތް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ކަސްޓަމްސް އިން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، މި ހާދިސާގެ ސަބަބުން ބްރިޖަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް