މިއަދު ފެށި ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް
ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމުގެ ގޮތުން ކީ ސްޓޭޖް 1 ގެ ފޮތްތަކަށް އަންނަ އަހަރު ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ތައުލީމާ މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އަށްވަނަ ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ޓެކްނޮލޮޖީއާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތައް އަންނަމުންދާ މި ދަނޑިވަޅުގައި އޭއައި ފަދަ ޒަމާނީ ވަސީލަތްތަކަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި ޓީޗަރުން އެ ކަންކަމަށް އަހުލުވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެ ގޮތުން މި ކޮންފަރެންސްގެ ބޭނުމަކީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތައް ގުޅުވައިލުން ކަމަށް ވިދާޅުވެ މި ފުރުސަތުގެ ބޭނުން ހިފުމަށް ޓީޗަރުންނަށް ވަޒީރު ގޮވައިލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ތައުލީމީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސާނަވީ ތައުލީމު ފުރިހަމަކުރުމަށް ފަހު މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ނިސްބަތް ކުރިން 40 އިންސައްތައިގައި އޮތް އޮތުން މިހާރު 50 އިންސައްތައަށް އުފުލާފައިވާ ކަމަށާއި މާލޭ ވޮކޭޝަނަލް ހައި ސްކޫލާ އެކު އެ އަދަދު 60 އިންސައްތައަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފޮތްތަކަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން އަންނަ ކަމަށާއި މިއަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް 1 ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
"އަޅުގަނޑު މުދައްރިއްސުންނަށް ދަންނަވާލަން ބޭނުންވަނީ ފޮތްތައް ބަދަލުކުރެވުނަސް ހަގީގީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުންގެ މަސައްކަތުންނޭ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވާހަކަފުޅު ނިންމަވައިލެއްވީ ޓީޗަރުންނަކީ މުޖުތަމައުގެ ތެރޭގައި ބާރާއި އިހްތިޔާރު ލިބިފައިވާ ބައެއް ކަމަށާއި ބެލެނިވެރިންނާއި ދަރިވަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. މި ކޮންފަރެންސަކީ ޓީޗަރުންނަށް އިންވެސްޓްކުރުމުގެ ގޮތުން ބާއްވާ މުހިންމު ހަރަކާތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް