އިނިގިރޭސި ޕްރިމިއާ ލީގް މިއަދު ފެށިއިރު، ލީގުގެ ފުތަމަ މެޗު ފުލަމްއާއި ދެކޮޅަށް ކުޅެ އާސެނަލް ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗުން ފުލަމްގެ މައްޗަށް އާސެނަލް އިން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
ގިނަ އަހަރުތަކަކަށް ފަހު އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ފުލަމްއާއި އާސެނަލް ކުޅުނު މި މެޗަށް ސަޕޯޓަރުންނަށް ދަނޑަށް ވައްދާފައެއް ނުވެއެވެ.
ފުލަމްގެ އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މި މެޗުގައި އާސެނަލް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވެއެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓްގައި އާސެނަލް އިން މެޗުގެ ލީޑު ނެގި އިރު، މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލަކަޒެޓްއެވެ.
މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެ އާސެނަލް އިން ވަނީ ފުލަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމެން ދަނިކޮށް ވިލިއަން ފޮނުވާލި ހިލޭޖެހުމެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.
އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އާސެނަލް އިން ނިންމާލިއިރު އެޓީމުގެ ދެވަނަ ގޯލު ޖެހީ މެޗުގެ 49 ވަނަ މިނެޓްގައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް އެވެ. ގެބްރިއަލް އަކީ މި ޓްރާންސްފާ މާކެޓުގައި އާސެނަލް އަށް ގެނައި ކުޅުންތެރިއެކެވެ.
އަދި ވިލިއަންގެ އެހީތެރިކަމާއި އެކު އާސެނަލްގެ ތިންވަނަ ގޯލު ޖެހީ މެޗުގެ 57 ވަނަ މިނެޓްގައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އޮބަމަޔަންގް އެވެ. މި ދެ ގޯލަށްފަހު ވެސް މި ހާފުގައި އިތުރު ގޯލުތަކެއް ކާމިޔާބުކުރަން އާސެނަލް އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ލަކަޒެޓް ފޮނުވާލި ހަމަލާއެއް ފުލަމްގެ ކީޕަރު ދިފާއުކުރިއިރު އޮބަމަޔަންގް ފޮނުވާލި ހަމަލާ ފުލަމްގެ ޑިފެންޑަރަކު ވަނީ ގޯލުގެ ރޮގުމަތިން ދިފާއުކޮށްފައެވެ.
ލީގުގައި އާސެނަލް ނުކުންނާނީ ވެސްޓަހަމް ޔުނައިޓެޑާއި ދެކޮޅަށެވެ. އަދި މިއަދު އާސެނަލް އަތުން ބަލިވި ފުލަމް ނިކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް