އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންއިން މިއަދު ފެށި ސައިކަލު ބުރު ފުލުހުން ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ކޯލިޝަނުން މުޒާހަރާ ފަށާފައިވަނީ އެޗްޕީއޭގެ އެންގުމާއި ހިލާފަށް ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެއްވުންތައް ބާއްވައިފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވަނިކޮށެވެ. އެޗްޕީއޭއިން ވަނީ މާލޭ ސިޓީގައި ފަސް މީހުންނަށްވުރެ ގިނައިން އެއްތަނަކަށް މީހުން އެއްވުން މަނާކޮށްފައި އެވެ.
ފުލުހުން ބުނީ އެ އެންގުމާއި ހިލާފަށް މިއަދު މާލޭގައި ބޭއްވި އެއްވުމުން 41 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް އަމަލު ކޮށްފައިވާތީ ކަމަށެވެ.
އެމީހުން ހައްޔަރު ކުރުމުގެ އިތުރުން އެމީހުން ދުއްވި ސައިކަލުތައްވެސް ފުލުހުން ޓޯކޮށްފައިވެ އެވެ.
އެއްވުމުގެ ބައިވެރިވި މީހުންގެ އަމަލުތައް ހުރީ ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އަނެއްކާވެސް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް