އެޗްޕީއޭގެ އެންގުމާއި ހިލާފަށް އެއްވުންތައް ބާއްވާނަމަ ފިޔަވަޅުއަޅާނަން: ފުލުހުން

އެޗްޕީއޭގެ އެންގުމާއި ހިލާފަށް އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ. ފުލުހުން މިއަދު ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ...

12 Sep 2020 | 08:08

އެޗްޕީއޭގެ އެންގުމާއި ހިލާފަށް އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން މިއަދު ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ގިނަ މީހުން އެއްތަނަކަށް އެއްވުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކުން މަނާކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ އެންގުމާއި ހިލާފަށް ބަޔަކު އެއްވުން ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އާންމުންގެ ރައްކާތެރިކަމާއި އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު މާލޭގައި ސައިކަލު ބުރެއް ބާއްވަން ނިންމާފައި ވަނިކޮށެވެ. މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން މިފަދަ ސައިކަލު ބުރެއް ބާއްވާފައިވެ އެވެ.

އެ ސައިކަލު ބުރާއި އެ ދުވަހު ބޭއްވި އެއްވުމުގައި އެޗްޕީއޭގެ ގަވައިދާ ހިލާފަށް އިޖުތިމާއީ ގައިދުރުކަން ނުބަހައްޓައި އާންމު ތަންތަނުގައި މާސްކު ނާޅައި އުޅުނެފައިވާތީ އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގަ އިދިކޮޅު ކޯލިޝަންގެ އިސްވެރިންތަކެއް ވަނީ އާންމު ތަންތަނުގައި މާސްކު ނާޅާ އުޅެފައިވާތީ 1،000 ރުފިޔާއިން ޖޫރިމަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް