އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށް އުސޫލުން ބޭރުން އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ޕާޓީގެ ގަވައިދާ އުސޫލުން ބޭރުން ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ނަޝީދު ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެ މައްސަލަތައް ބަލައި ދިނުމަށް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މުގައްރިރު ޝުއައިބު އަލީ އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެވެ. އެ ސިޓީގައި ހަސަން ވަނީ ޝުއައިބު ހުށަހެޅުއްވި މައްސަލަތައް ބެލެން ނެތް ކަމަށް އަންގާފައި އެވެ.
މިދިޔަ ހަފްތާގައި ރައީސް ނަޝީދު ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާދެއްވުމަށް ޕާޓީން އެންގުމަށް އެދިވަޑައިގެންފައި އެވެ. ނަޝީދު ވިދާޅުވެފައިވާގޮތުގައި ފައްޔާޒް މަގާމުގައި ހުންނަވަފައިފި ނަމަ ޕާޓީއަށް ގެއްލުން ލިބޭނެ ކަމަށެވެ. އެކަމަކު އެއީ ޒާތީ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެ އެވެ.
ޝުއައިބުގެ ސިޓީއާ ގުޅިގެން ހަސަން ލަތީފު ފޮނުވި ޖަވާބު ސިޓީގައި ވިދާޅުވެފައިވަނީ، ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ނުދެކޭ ކަމަށެވެ. އަދި ރައީސްގެ ހައިސިއްޔަތުން ނަޝީދު އެދިވަޑައިގެންފައިވާ ކަންކަން ކުރުމުގައި ޕާޓީގެ އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުންކުރަން ނުޖެހޭ ކަމަށާއި ބޭނުން ނުވެސް ކުރާ ކަމަށެވެ.
ޝުއައިބު އެމްޑީޕީގެ ޗެއާޕާސަނަށް ފޮނުއްވި ސިޓީގައި ވަނީ ނަޝީދަށް ބޮޑެތު ތުހުމަތުތަކެއް ކުރައްވާފައި އެވެ.
ޝުއައިބު ވިދާޅުވީ ވަޒީރުން ޖަވާބުދާރީކުރުވާނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށް، އެކަމުގައި ޕާޓީން އަމަލުކުރާނެ ގޮތް އެމްޑީޕީން ބަޔާންކޮށްފައިވާއިރު މަޖިލީހުގެ މެމްބަރުން އަމަލުކުރައްވަން ޖެހޭ އުސޫލްތައް، ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދުން ސާފު ކަމަށް ޝުއައިބު ވިދާޅުވި އެވެ. ކަން އެހެން އޮއްވަ ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާން ކުރުމަކީ ގައްދާރުވުން ކަމުގައި ދެކެވަޑައިގެންނަވާ ކަމަށް ޝުއައިބު ވިދާޅުވެފައިވެ އެވެ.
ޝުއައިބު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ވަޒީރުންނަށް ފިޔަވަޅު އެޅުއްވުމަށާއި ގާނޫނީ މަސްއޫލިއްޔަތުން އެކަހެރިކުރައްވަން ކުރާއްވާ މަސައްކަތް ފެންނަނީ ބަދަލު ހިފުމުގެ ރޫހުގައި ކުރައްވާ ކަންކަމުގެ ގޮތުގައި ކަަމަށެވެ. އެއީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ޝުއައިބު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހުރިހާ ކަމެއްގެ ސިއްރަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައީސް ނަޝީދު ބޮޑުވަޒީީރަަކަށް ވުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އެކަމަކު އެކަން ކުރަން، ބުރަ މަސައްކަތުން އުފެއްދި ޕާޓީ ގުރުބާންކުރާކަށް ޒަމީރާއި ފިކުރު ޖާގަ ނުދޭކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް