އޮގަސްޓް މަހުގެ ނިޔަލަށް ސަރުކާރު ބަޖެޓުގެ ދަރަނި ބިލިއަނަކަށް އަރައިފި ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 17 ބިލިއަން ޚަރަދުކޮށްފައި ވެއެވެ. ދައުލަތަށް މި މުއްދަތުގެ ނިޔަލަށް ލިބިފައި ވަނީ 16 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުގެ ދަރަނީގެ ގޮތުގައި މިހާރު އެއް ބިލިއަން ރުފިޔާ ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދައުލަތުން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ޙަރަދުތަކުގެ ތެރޭގައި 12 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވަނީ ދައުލަތް ހިންގުމަށެވެ. އޭގެ ތެރެއިން މުސާރައާއި އިނާޔަތުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮފީސްތައް ހިންގުމަށް ޚަރަދުކޮށްފައިވަނީ 5.3 ބިލިއަން ރުފިޔާ އެވެ. ތަރައްޤީގެ މަސައްކަތްތަކަށް 4.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެތެރެއިން ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 2.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.
މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި، 16 ބިލިއަން ރުފިޔާގެ ތެރެއިން 12 ބިލިއަން ރުފިޔާއަކީ އެކި އެކި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ފައިސާއެވެ. އިތުރު އާމްދަނީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެހީގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް