ޓެރަރިޒަމްގެ ކުށް ކުރާ މީހުން ކޯޓު އަމުރަކާއި ނުލާ ފުލުހުންނަށް ހައްޔަރުކުރެވޭގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލްގައި ހިމަނައިފިއެވެ.
މި ބިލަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ.
އެ ބިލުގައި ވާގޮތުގައި، ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެން މީހަކަށް ދިނުމާއި، އެހެން ތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން ފަދަ އަމަލެއް ކުރަން އުޅޭ ކަމުގެ ތުހުމަތެއް ކުރަން އުޅޭ ފަރާތަކާމެދު ކޯޓު އަމުރެއް ނުލައި އެމީހަކު ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ ފަރާތަކާމެދު ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، އެފަދަ ފަރާތެއްގެ މައްޗައް ތުހުމަތުކުރެވޭ ކުށް ކޮށްފާނެ ކަމަށް ބެލުމަށް ބުއްދިއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށްޓަކައި، ކޯޓު އަމުރަކާ ނުލައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް އެބިލުގައި ވެއެވެ.
މީގެ އިތުރުން، ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލައި، ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރުމަކީ ވެސް ކުށެއް ކަމަށް އެ ބިލުގައި ވެއެވެ. އަދި ފާޅުކުރާ ހިޔާލު ރައްދުވާ ފަރާތުން ހިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެފަރާތުން ތާއީދު ކުރުމަށް ހިތްވަރު ލިބިގަނެވިދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ހިޔާލުފާޅުކުރުމަކީ ވެސް ޤާނޫނީ ކުށެއް ކަމަށް ބިލުގައި ފާހަގަކޮށްފައި ވެއެވެ.
ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރެއް ކަމަށް ނުވަތަ އާންމު ތަނެއްގައި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް ލުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ވާގޮތުގައި، އެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެމީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވެން ވާނެއެވެ. އަދި މީހަކު ހައްޔަރުކުރަން ވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް