ފާއިތުވި ދުވަސްތަކުގައި މީޑިއާގައި އަދި މީސްމީޑިއާގައި އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކަ އަކީ ރާއްޖޭގެ މޮޑެލްއެއް ކަމަށްވާ ކައިޒީންގެ ވާހަކައެވެ. ކައިޒީން ސިންގަލްވި ޚަބަރާއި ކައިޒީން ޑޭޓް ކުރާ ވާހަކަ އާއި ކައިޒީން ބަޔާނެއް ނެރުނު ވާހަކަފަދަ ޚަބަރުތަކެވެ. މީސް މީޑިއާ އިން ވަނީ ވަރަށް ބޮޑަށް މި ވާހަކަތައް ފަތުރާފައެވެ. އޭ ދިވެހި ޒުވާނާއެވެ. ކަލެ އަށް ވެސް ޕްރައިވަސީ އޮންނަ ފަދައިން ކައިޒީން އަށް ވެސް ޕްރައިވަސީ އޮންނަންޖެހެއެވެ. ކައިޒީންގެ ނިންމުންތައް ނިންމާނީ އޭނަ އެވެ. އެކަމުގެ ޒިންމާ އެހެންމީހުން ނަގާކަން ނުޖެހެއެވެ. އެއީ ހެޔޮކަމަކަށް ވިޔަސް ނުވަތަ އެއީ ފާފަޔަކަށް ވިޔަސް އެކަމުގެ ޒިންމާ އުފުލާނީ ކައިޒީންއެވެ. އޮޅުވާނުލާށެވެ. ކައިޒީން ވެސް ގޯސްކަމެއް ކުރަންޏާވާނީ ގޯސްކަމަކަށެވެ. އެހެނަސް އަނެކާ ކުރާ ކަންތަކަށް ތިމާ ފާޑުކިޔާއިރު ތިމާއަށް ވެސް އެހެންމީހުން ހަމައެގޮތަށް ފާޑުކިޔަންރުހޭނެތޯ ސުވާލުކޮށްލާށެވެ.
ކައިޒީން އާއި ގުޅުވައިގެން ދެކެވުނު ވާހަކަތަކާއި ޚަބަރުތަކުގައި އެތައް ބަޔެއްގެ އަބުރުކަތިލެވިއްޖެއެވެ. އެތައް އާއިލާ އަކަށް އަސަރުކޮށްފިއެވެ. މިފަދަ ޚަބަރުތައް ފެތުރުމުގައި ނޫސްވެރިންވެސް މިއަށްވުރެ ޒިންމާދާރުވާން އެބަޖެހެއެވެ. މީހުންގެ ޕްރައިވަސީ އަށް އިހުތިރާމްކުރަން އެބަޖެހެއެވެ. ހަމަ އެގޮތަށް މީސްމީޑިއާގައި މި ވާހަކަތައް ފަތުރާ ފަރާތްތަކުންވެސް ޒިންމާދާރުވާންއެބަޖެހެއެވެ. ކަލޭގެ ކޮއްކޮ ނުވަތަ ދައްތަގެ އެފަދަ ވާހަކަތައްވެސް ހަމަ ފަތުރާނަން ހެއްޔެވެ. ނޫސްތަކުގެ ޚަބަރުތައް މީސްމީޑިއާގައި ފަތުރާއިރު އެ ޝެއާ ކުރާ މީހާގެ ވެސް ޒިންމާތަކެއް އެބަހުއްޓެވެ. މީ މަޖަލަކަށް ހަދާފައި އެއްވެސް ކަމެކޭ ހިތަށް ނާރުވާ ދޫކޮށްލަންޖެހޭ ކަހަލަ ކަންތަކެއް ނޫނެވެ.
މީހަކާ ދޭތެރޭ ދޮގު ވާހަކަތައް ފެތުރުމުން ނުވަތަ އެ ވާހަކަތަކަކީ އަދި ހަގީގީ ވާހަކަތައް ކަމަށް ވިޔަސް މީހެއްގެ ޒާތީ ވާހަކަތައް ފަތުރަން އެ މީހަކު ބޭނުންނުވާ ހާލަތެއްގައި އެ ވާހަކަތައް މީޑިއާ އަދި މީސްމީޑިއާގައި ފެތުރުމުން އެ މީހަކަށް ނަފްސާނީގޮތުން އަސަރުކުރުމަކީ ވެސް އެކަށީގެންވާކެމެކެވެ. އެހެންކަމުން މިފަދަ ކަންކަމުން ދުރުވާންޖެހެއެވެ.
ދީނީ ގޮތުން ބެލިޔަސް މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ފުރަތަަމަ ކަމަކަށް ދޮގު ޚަބަރެއް ފެތުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ދެވަނަ ކަމަކަށް ޒާތީ ކަންކަމުގެ ތެރެއަކަށް ނުވަދެވޭނެއެވެ. އެހެންކަމުން ފަރުދީ ޒިންމާ ނަގާ މިފަދަކަންކަމުން ދުރުވާންޖެހެއެވެ. ތިމާ އާއި މުޖްތަމައުގެ ލާބަ އާއި މަންފާއަށްޓަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް