އެރެއަށްފަހު- ހަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... މެލޭޝިޔާގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރު މަޑުކޮށްލީ ކުޑަވަރެއްގެ ފިހާރައެއް ދޮރުމަތީގައެވެ. އެންމެން ވެސް ތިބީ ތިން އަހަރަށްފަހު އަމިއްލަ ގައުމަށ...

12 Sep 2019 | 04:03

ކުރީގެ އަދަދާ ގުޅޭ...

މެލޭޝިޔާގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރު މަޑުކޮށްލީ ކުޑަވަރެއްގެ ފިހާރައެއް ދޮރުމަތީގައެވެ. އެންމެން ވެސް ތިބީ ތިން އަހަރަށްފަހު އަމިއްލަ ގައުމަށް ދެވޭތީ ނިކަން ހިތްހަމަޖެހިފައެވެ.

"މަންމަ ބޭނުންތަ ފިނި އެއްޗެއް؟" ކާރުން ފައިބަން އުޅެފައި ޝައިލާ އަހައިލިއެވެ.

"ނޫނޭ ބައްޕައަށް ކޮންމެވެސް އެއްޗެއް ގެނޭ... މަންމަ ބޭނުމީ ފެން ފުޅިއެއް" ޝަހުމާ ބުނެލިއެވެ. ކުރީ ސީޓުގައި އިން ޔާސިރު ވެސް ބޯ ޖަހައިލިއެވެ.

"މަންމަ އާދެބަލަ ޝައި އާ އެކީގަ..." އަނެއްކާވެސް ޝައިލާ ބުނެލިއެވެ.

"ދެން ޝައި ގޮސްލާފަ އާދެބަލަ މަންމަ އުޅެނީ ފަޔަށްވެސް ތަދުވާތީ އިއްޔެ ވެއްޓުނީމަ" މިފަހަރު ޖަވާބުދިނީ ޔާސިރެވެ. އެއަޑަށް ޝައިލާ ފައިބައިގެން ހިނގައްޖެއެވެ.

ފެން ފުޅިއަކާއި ދެތިން ޖޫސްފުޅި ގަނެގެން ފިހާރައިން ނިކުތް ޝައިލާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ބާރު އަޑުފަށްގަނޑެއް އިވުމުންނެވެ. އެވަގުތު މުޅި ތަނުގައި ވަނީ ދުމުގެ އަސަރުކޮށްފައެވެ. މީހުންގަނޑު ހޭލަމޭލައަށް ދުވަން ފެށިއެވެ. ވީ ކީއްތޯ ބަލައިލަން ޝައިލާ އެޅި ފުރަތަމަ ފިޔަވަޅާއި އެކީ ގަނޑުވިއެވެ. މަންމަ އާއި ބައްޕަ ތިބި ކާރު ފެންނާކަށް ނެތެވެ. ދުރު ބަލައިލިއިރު ކާރު އޮތީ ތަންކޮޅެއް ދުރުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑުން އެތެރެއަށް ވަދެފައެވެ. ކައިރީގައި ބޮޑު ޓްރަކެއް ބަންޑުން ޖެހިފައި އޮތެވެ. ޝައިލާގެ ނޭވާ ކޮޅަށް ދިޔަ ކަހަލައެވެ. އަތުގައި އޮތް ކޮތަޅު އެއްލައިލުމަށްފަހު ކާރާއި ދިމާލަށް ދުއްވައިގަނެވުނީ ކިހިނެއް ކަމެއްވެސް ނޭންގުނެވެ.

"ޝައި.. ޝައި" ހިޔާލަކަށް ގެއްލިފައި އިން ޝައިލާ ސިއްސައިގެން ދިޔައީ ސުމާ ގޮވާ އަޑަށެވެ.

"ނުފައިބަންތަ ތީނީ؟ ގެއަށް އާދެވިއްޖެ" ސުމާ ބުނެލިއެވެ. އެއަޑަށް ޝައިލާ އަވަހަށް ކާރުން ފައިބައިގެން ގޮސް ގޭތެރެއަށް ވަނެވެ. އޭރު ޝަހާމާ އާއި ޒާނާ ތިބީ ސޯފާގައެވެ. ޝައިލާ އެދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ.

"ކޮބާ ދަތުރު ކިހިނެއްވަނީ؟" ދެ ޖޫސްތަށި ހިފައިގެން އައިސް ޝާއިރާ އަހައިލިއެވެ.

"ރަގަޅު އެކަމަކު ކެއުން ވަރަށް ކަޑަ" ތުން ދަމައިލަމުން ޝަހާމާ ބުނެލިއެވެ. އަދި ޖޫސްތަށި ބޯން ފެށިއެވެ.

"ޒާނާ ދަރިފުޅު ކިހިނެއް؟" ޒާނާގެ ބޮލުގައި ފިރުމައިލަމުން ޝާއިރާ އަހައިލިއެވެ. ހީލުމަށްފަހު ރަގަޅު ކަމަށް ޒާނާ ބުނެލިއެވެ.

"ކިހާ ދުވަހަކަށް ތިއައީ؟" ޝާއިރާ އަނެއްކާވެސް އަހައިލިއެވެ.

"ދައްތަ ތިއުޅެނީ އަހަރެމެން އަވަހަށް ނުފޮނުވާލެވިގެންތަ؟" މޭޒުމަތީގައި ޖޫސްތަށި ބަހައްޓަމުން ޝަހާމާ އަހައިލިއެވެ. ޝަހާމާގެ މޫނުމަތީގެ ކުލަވަރު ފެނުމުން ޝާއިރާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.

"ނޫން ނޫނޭ... ދައްތަ ހަމަ އަހާލީ... ޝަހާ ހަމަ ހުންނަން ބޭނުންވާ އިރެއްވަންދެން ހުންނަންވީ ދައްތަ މައްސަލައެއް ނުޖައްސާނަށް..." މޫނުމަތީގެ ނުތަނަވަސްކަން ފޮރުވަމުން ޝާއިރާ ބުނެލިއެވެ.

"ސަމާހް ނުފެނޭ... ކޮބާ؟" ގޭތެރެއަށް ނަޒަރު ހިންގައިލަމުން ޝަހާމާ އަހައިލިއެވެ.

"ސަމާހް ވީ ރައްޓެހިންތަކަކާއި އެކީ މަހަށް ގޮސް... އަންނާނެ އިރުއޮއްސޭ އިރަށް" ޝާއިރާ އޮޅުންފިލުވައިދިނެވެ.

***

އެނދުމަތީ ބަންޑުން އޮށޯވެ އޮތް ޝައިލާގެ ހިތް ވަނީ ކުދިކުދިވެފައެވެ. ތުއްތަ އޭރު ބުނި ޖުމްލަ އާއި، މައިންބަފައިން ނިމިދިޔަ ގޮތް ސިފަވުމުން އެހުރިހާ ވޭނެއް ހިތް ނޮޅައި އިރަމުންދިޔައެވެ. ދެލޯ ފުރާ ހުރި ކަރުނަތައް ބާލީސް ތެންމަމުންދިޔައެވެ.

"މީ އަހަރެން ބޭނުންވި ދިރިއުޅުމެއް ނޫން... މީ އަހަރެން ބޭނުންވި ގޮތެއް ނޫން..." ބާލީހުގައި ބޮޑަށް ބައްދައިލަމުން ޝައިލާ ބުނެލިއެވެ.

ކައިރީގައި ސުމާ އިނީ ޝައިލާ އުޅެމުންދިޔަ ގޮތް ބަލާށެވެ. މިވަގުތު ސުމާ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ޝައިލާ އަޑުނާހާނެކަން ޔަގީނެވެ. ޝައިލާ ރޯން ބޭނުން ވަރަކަށް ރޯން ދޫކޮށްލައިގެން ސުމާ އިންއިރު، އެލޮލުންވެސް ވަނީ ކަރުނަ ހިލިފައެވެ.

"ޝައި ހިނގާބަލަ ބޭރަށް ގޮސްލަން... ހިނގާބަލަ އަހަންނަށް ބޫޓެއް ގަންނަން ދާން ދޯ؟" ޝައިލާ ކުޑަކޮށް ބޯ ހިއްލައިލުމުން ސުމާ ބުނެލިއެވެ. ނަމަވެސް ޝައިލާ އަނެއްކާވެސް ބޯ ޖެހުމަށްފަހު މޫނު ފޮރުވައިލިއެވެ. ސުމާ ވަރަށް އާދޭސް ކުރުމުން ޝައިލާ އެއްބަސްވިއެވެ.

***

"ނުހާ ހާދަ ބާރަކަށް" ގެއަށް އައިސް ވަތް ނުހާ ސިއްސައިގެން ދިޔައީ ނަހުޒާންގެ އަޑަށެވެ.

"އާނ... ޒާން އަށް ގުޅާ ގުޅާ ފޯނެއް ނުނެގި... އެންމެފަހުން ހިނގާފަ އަންނަން ހަދައިގެން ބޫޓުވެސް ހަލާކުވެއްޖެ" މޫނަށް ވައްތަރެއް ޖައްސައިލަމުން ނުހާ ބުނެލިއެވެ.

"ކަމެއް ޖެހިގެން އަހަންނަށް ގުޅާލާނަމަ ދޯ ދެވޭނީވެސް" ނޫހާގެ ކުރިމަތީގައި ހުއްޓިލަމުން ނަހުޒާން ބުނެލިއެވެ. ނުހާ އަބަދުވެސް ކޮންމެ ކަމެއްގައި ވެސް ބުނާނީ ނަޒާން ކައިރީއެވެ. އެއީ ނަހުޒާން އެންމެ ރުޅިއަންނަ އެއް ކަންތަކެވެ.

"ޒާން ލައިކް ނުވާތީ ނުބުނަނީ..." އިސްޖަހައިލަމުން ނުހާ ބުނެލިއެވެ. ނަހުޒާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ނަޒާން ކީއްވެތަ ނުހާ ކޮންޓްރޯލް ކުރަނީ؟ ނުހާ ބޭނުން މީހެއް ކައިރީ އެހީއަށް އެދެވޭނެ ދޯ؟ ނަޒާން ނެތިންޔާ އަހަރެން ކައިރީ ވެސް ބުނެވޭނެ ދޯ ހަމަ" ނަހުޒާން ދެބުމަ ގޮށްޖަހައިލިއެވެ. އާނ އެކެވެ. ނަޒާން ކޮންމެވެސް ގޮތަކުން ދަނީ ނުހާ ކޮންޓްރޯލް ކުރަމުންނެވެ. ނަޒާން ނުރުހޭ ކަމެއްކުރަން ނުހާއަށް ލާހިކެއް ނޫނެވެ. އެއީ ކީއްވެގެން ހެއްޔެވެ.

"ދެން ހިނގާ އަހަންނާ އެކީ ބޫޓެއް ގަންނަންދާން" ނުހާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަމުން ނަހުޒާން ބުނެލިއެވެ. ނަހުޒާން އެހާ ލޯބިން ބުނުމުން، ނޫނެކޭ ބުނަން ނުކެރިގެން ނުހާ ބޯޖަހައިލިއެވެ. ޔުނިފޯމް ބަދަލުކޮށްލައިގެން މިއަންނަނީ ކަމަށްބުނެ ނުހާ ފުރަތަމަ ދިޔައީ ކޮޓަރިއަށެވެ.

ނުހާ ދިޔަ ދިމާލަށް ބަލަންހުރި ނަހުޒާން ކުޑަކޮށް ހީލިއެވެ. ނުހާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ހިތައް ގޮތްތަކެއް ވާކަން ނަހުޒާނަށް އިނގެއެވެ. ނަމަވެސް ނުހާ އަބަދުމެ އުޅެނީ ނަޒާނާއި އެކީއެވެ. އެދެމީހުންގެ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫނޭ އޭނާގެ ހިތް އަބަދުވެސް ބުނަމުން ދިޔައެވެ. މިސަބަބާއި ހުރެ ވަކިން ބޮޑަށް ނަޒާން މަތިން އޭނާ ފޫހިވެއެވެ. ނުހާ އާއި ނަޒާން ދުރުކުރެވޭނެ ގޮތްތައް ނަހުޒާން ދަނީ ހިތުގައި ރާވަމުންނެވެ.

***

"ނޫން ހަޑި" ސުމާ ބޯ ހޫރައިލިއެވެ. ސުމާ އަސްލު މަސައްކަތް ކުރަމުން ދިޔައީ ޝައިލާގެ ހުރިހާ ސަމާލުކަމެއް އެކަމަށް ހުސްކޮށްލެވޭތޯއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ފަހަރަކު ބޫޓެއް ޝައިލާ ދައްކަމުންދިޔައިރު މިއަދު ވި ކަންތަކުގެ މަތިން ހަނދާންވެސް ނެތް ކަހަލައެވެ.

"މި ބޫޓު ވަރަށް ރީތި... ޝައި ގަންނާނަން މީތި" ކަޅުކުލައިގެ ބޫޓަކަށް ފައި ކޮށްޕައިލަމުން ޝައިލާ ބުނެލިއެވެ. ސުމާ އަށް އެ ބޫޓު ވަރަށް ކަމުދިޔައެވެ.

"އުނހޫނ... މީ އަހަންނަށްވެސް ރީތިވި ބޫޓު... މީ މަގޭ އެއްޗެއް" ޝައިލާގެ އަތުން ބޫޓު ޖަހައިގަންނަމުން ސުމާ ބުނެލިއެވެ. އަދި ދާން ހިނގައިގެތެވެ. ޝައިލާ ބޯ ހޫރައިލުމަށްފަހު އެހެން ބޫޓުތައް ބަލަމުން ދިޔައެވެ.

"ކާޑަކުން ނުކެނޑޭ" ކައުންޓަރުގައި އިން ކުއްޖާ ބުނެލިއެވެ. ވީ ފޫހިން ސުމާ ދަބަހުން ވޮލެޓު ނަގައި ފައިސާ ދިނެވެ.

ރީތި ބޫޓެއް ހިފައިގެން އައި ނުހާ ހުރީ ކައުންޓަރު ކައިރީ ފައިސާ ދައްކާށެވެ. މިހެން ހުއްޓައި ނުހާގެ ލޮލުގައި އަޅައިގަތީ ދެންމެ ކައުންޓަރަށް ފައިސާ ދެއްކި ކުއްޖާގެ އަތުގައި އަޅައިފައި އޮތް ކެވެލިކޮޅެވެ. އެޔާއި އެކީ ނުހާ ތަންކޮޅެއް ކުރިއަށް ޖެހިލުމަށްފަހު އެކުއްޖާގެ އަތައް ތަންކޮޅެއް ކައިރިން ބަލައިލިއެވެ. ދިއުމުގެ ކުރިން އެކުއްޖާ ނުހާގެ މޫނަށް ބަލައިލިއެވެ. އަދި ހީލިއެވެ.

"ސުމާ ނިމިއްޖެތަ؟" އެހެން ކުއްޖަކު އައިސް ގޮވައިލިއެވެ. އެކުއްޖާގެ މޫނު ފެނުމުން އެއީ ކޮންކުއްޖެއްކަން ނުހާ އަށް އިނގުނެވެ. ނުހާ ހުރީ އެމީހުންގެ ހަރަކާތަކަށް ގެއްލި ހުސްވެފައެވެ.

"ނުހާ ހިނގާ ދާން... ޕޭ ކޮށްފީމޭ" ނުހާގެ ކޮނޑުގައި ޖަހައިލަމުން ނަހުޒާން ބުނެލިއެވެ. ނުހާ ބާރުބާރަށް ނިކުތްއިރު އެދެމީހުން ސައިކަލަށް އަރައިގެން ހިނގައްޖެއެވެ.

"ކިހިނެއްވީ ދަންނަ ބައެއްތަ؟" ނަހުޒާން އަހައިލިއެވެ. ނުހާ ބޯ ހޫރައިލުމަށްފަހު ކާރާ ދިމާލަށް ހިނގައިގަތެވެ.

އެރޭގެ ވަގުތެވެ. ނަޒާން އިނީ ގަނޑެއް ހިފައިގެން އެއްޗެއް ކުރަހާށެވެ. ކުރަހަމުން ދާވަރަކަށް ނަޒާންގެ ހިތާއި ސިކުނޑި ދިޔައީ ކުރެހުމުގެ ތެރެއަށް ފީނަމުންނެވެ. ހީވަނީ ތަސްވީރު ތެރޭގައި އުޅެވޭހެންނެވެ.

"އަހަރެން މިއަދު ދެކުނިން" ވަރަށް ކައިރިން ނުހާގެ އަޑު އިވުމުން ނަޒާން ދިޔައީ ސިއްސައިގެންނެވެ. ނުހާ ބުނި އެއްޗެއް ނޭންގިގެން ނަޒާން ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ކޯންޗެއްތަ؟" ފަންސުރު މޭޒުމަތީ ބާއްވައިލަމުން ނަޒާން އަހައިލިއެވެ. ނުހާ ގޮސް ދަމައިލީ ޑްރެސިންގ ޓޭބަލްގެ ވަތްގަނޑެވެ. އަދި އޭގެ ތެރޭގައި އޮތް ކެވެލިކޮޅު ނަގައި ދައްކައިލިއެވެ.

"އަހަރެން ދެކުނިން ހަމަ މީގެ ކެވެލިކޮޅެއް އަޅައިގެން ހުރި ކުއްޖެއް" ކެވެލިކޮޅަށް އިޝާރާތްކޮށްލަމުން ނުހާ ބުނެލިއެވެ. ދުވެލާފައި އައިސް ނުހާގެ އަތުން ނަޒާން ކެވެލިކޮޅު އަތުލިއެވެ.

"އެއީ އެދުވަހު ކެފޭ ތެރެއިން ނަޒާން އާއި ދިމާވި ކުއްޖާ" ނުހާ އަނެއްކާވެސް ބުނެލިއެވެ. ނަޒާންގެ ހިތް ބާރަށް ތެޅެންފެށީ ދެނެވެ.

"އެދުވަހު ނަޒާން ގައިގަ ޖެހިފަ ވެއްޓުން ކުއްޖާ އާ އެކީގަ ހުރި އަނެއް ކުއްޖާ..." ނުހާ އަނެއްކާވެސް ބުނެލިއެވެ.

"އެއީތަ ނަޒާންގެ ލޯބިވެރިޔަކީ؟ މި ކެވެލިކޮޅު އެވަރަކުން މާ ލޯބިން ފޮރުވައިގެން ތިއުޅެނީ ކީއްވެގެންތަ؟" ނުހާގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލު ކޮށްލިއެވެ. ނަޒާން ބޯ ހޫރައިލިއެވެ.

"ނުހާ މޮޔަވީތަ؟ ތަންތަނުގަ އެއްވައްތަރުގެ އެއްޗެހި ހުންނާނެ... އެހެންނޫނަސް އަހަންނަކަށް ނޭންގެ މީ ކާކު އެއްޗެއް ކަމެއްވެސް" އަނެއްފަރާތަށް މޫނު އަނބުރައިލަމުން ނަޒާން ބުނެލިއެވެ. އޭރު ނަޒާންގެ ނިތްކުރީގައި ވަނީ ބޮޑެތި ދާތިކިތަކެވެ.

"ކާކު އެއްޗެއްކަން ނޭންގޭއިރު ކީއްވެގެން މާ ލޯބިން މި ތި ގެންގުޅެނީ؟ ނަޒާން ތީ އަރަތެއް ކަހަލަ މީހެއްނު" ނުހާ އަނެއްކާވެސް ބޮޑު ސުވާލެއް ކޮށްލިއެވެ.

"މީ އަހަންނާ މީގެ އަހަރުތަކެއް ކުރިން ދިމާވި ކުއްޖެއްގެ އެއްޗެއް... އެކުއްޖާ ދަމުން ދިޔައީ މި ކެވެލިކޮޅު ބިންމައްޗަށް ވައްޓާލާފަ... އެދުވަހުން ފެށިގެން އަހަރެން މިދަނީ މި ކެވެލިކޮޅުގެ ވެރިފަރާތް ހޯދަމުން... އެކުއްޖާ އަކީ ކާކުކަން ހޯދަން އަހަރެން ވަރަށް ބޭނުން" ފުރަތަމަ ފަހަރަށް އެކެވެލިކޮޅުގެ ވާހަކަ ނަޒާން ދެއްކިއެވެ. ނަޒާންގެ އަޑުގައިވި އަސަރުން އެއީ ތެދެއްކަން ނުހާ އަށް ގަބޫލުކުރެވުނެވެ.

"އެކުއްޖާގެ ނަމަކީ ސުމާ" ނުހާ ބުނެލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް