އިލްހާމް އަނބިކަބަލުންގެ އަސަރުގަދަ ސިޓީއެއް ވެލިދޫ ރައްޔިތުންނަށް

އިދިކޮޅު ކޯލިޝަންގެ ފަރާތުން ނ ވެލިދޫގައި ބޭއްވި ޖަލްސާގައި މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަބަލުން އައިމިނަތު މާޝާގެ ސިޓީއެއް ވެލިދޫ ކައުންސިލްގެ ރައީސާ އަސްމާ ވަނީ އިއްވާފައެވެ. މާޝާގެ ކޮއްކޮ އަސ...

12 Sep 2018 | 10:10

އިދިކޮޅު ކޯލިޝަންގެ ފަރާތުން ނ ވެލިދޫގައި ބޭއްވި ޖަލްސާގައި މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަބަލުން އައިމިނަތު މާޝާގެ ސިޓީއެއް ވެލިދޫ ކައުންސިލްގެ ރައީސާ އަސްމާ ވަނީ އިއްވާފައެވެ. މާޝާގެ ކޮއްކޮ އަސްމާ ވިދާޅުވީ މާޝާގެ ފަރާތުން އަމާނާތެއްގެ ގޮތުގައި ސިޓީއެއް ރައްދުކޮށްފައިވާ ކަމަށެވެ. ވެލިދޫގެ ރައްޔިތުންނަށް އެޑްރެސްކޮށްފައިވާ އެ ސިޓީގައި ބަޔާންކޮށްފައި ވަނީ އިލްހާމް ބަންދުގައި ބެހެއްޓުމުގެ ސަބަބުން އަނިޔާ ލިބެނީ ހަމައެކަނި އިލްހާމަށް ނޫންކަމަށާއި އޭގެ ސަބަބުން އުމުރުން ދުވަސްވެ ގައިބާރު ދެރެވެފައިވާ މައިންބަފައިންނާއި އާއިލާގެ މީހުންނާއި ޙުދު މާޝާއަށް ވެސް އަނިޔާ ލިބެމުންދާ ކަމަށެވެ.

" ލޯބިވާ ތުއްތު ދަރީން އެކުދީންގެ ބައްޕަ ދެކިލުމަށް މިވޭތުވެދިޔަ ހަތްމަސްދުވަހު ކުރި އުންމީދުތައް މިއަދާއި ހަމައަށްވެސް މިވަނީ ބޭކާރުވެފައެވެ. އަދި ނިދުމުގެ ކުރިން ބައްޕައާއި ވާހަކަދައްކާލާ ހިތުން ބައްޕަގެ ނަންބަރަށް ގުޅާލާފައި ބައްޕަގެ ފޯނު އަބަދު ނިއްވާލާފައި އޮންނަނީ ކީއްވެތޯ އެކުދިން ސުވާލުކުރެއެވެ." އެ ސިޓީގައި ވެއެވެ.

ތުއްތު ދަރިންނަށް ލިބެމުންދާ އަނިޔާތަކަށް ތިޔައިގެ ތެރެއިން އެއްވެސް މަޔަކަށް އަދި ބަފަޔަކަށް ކެތްވާނެތޯ، އެ ސިޓީގައި ސުވާލުކޮށްފައިވެއެވެ. އިބްރާހިމް މުހައްމަދު ސާލިހު އާއި ފައިސަލް ނަސީމަށް ވޯޓް ދެއްވުމަށް އާއިލާ އާއި ރައްޓެހިންނާއި އަދި ވެލިދޫގެ ރައްޔިތުންގެ ފަރާތުން މާޝާ ވަނީ އެދިވަޑައިގެންފައެވެ.

އަސްމާ އެ ސިޓީ ވިދާޅުވެދެއްވުމުން ދިޔަ އިރު ޖަލްސާ އަށް ވަޑައިގެން ތިއްބެވި ބައެއް މީހުން ފެންކަޅިވިއެވެ. އަދި ބައެއް މީހުން ރުއި މަންޒަރުވެސް ވަނީ ފެނިފައެވެ. އަސްމާ އިތުރަށް ވިދާޅުވީ އަނިޔާލިބެމުންދާ މީހުންގެ ހައްގުގައި މިފަހަރު ވޯޓުން ތަޅާ ބަލިކުރާނެކަމަށެވެ. އަދި ވެލިދޫ އިން އިދިކޮޅު ކޯލިޝަން މެޖޯރިޓީ ނަގާނެ ކަމަށެވެ.

މި ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، އިލްހާމްގެ އެއްވެސް ކުށެއް ނެތްކަމަށާއި އިލްހާމްގެ ޝަރިއަތްވެސް އެއްވެސް ވަރަކަށް ކުރިއަށްނުދާކަމަށެވެ.

" އިލްހާމް ޖަލުގައި އޮންނަވާތާ މިހާރު 210 ދުވަސް، ހުކުމެއް ނެތް ޝަރިއަތެއް ކުރިއަކަށްނުދޭ. އިލްހާމްގެ ހަމައެކަނި ކުށަކީ، ރައީސް ޔާމީންގެ ޝިކާރައަކަށްވެފައި އިނީ ރައީސް ޔާމީން އެކުރައްވާ ވައްކަންތަކަށް އާއެކޭ ނުބުނާތީ. ރުހުން ނުދޭތީ" އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ. އިބޫ ވިދާޅުވީ އިލްހާމް އަހުމަދާއި ޖަލުން ބައްދަލުވިކަމަށާއި އިލްހާމްގެ އަޒުމަކަށް ބަދަލެއް ނާންނަކަމަށެވެ. " އެ މަނިކުފާނު ހުންނެވީ އާއިލާ އާއި ކުޑަ ދަރިން ދުރުގައި. އެހެންނަމަވެސް ގައުމީ މި ޖިހާދުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް' އިބޫ ވިދާޅުވިއެވެ.

މާޝާގެ އާއިލާ އާއި ވެލިދޫގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އިލްހާމް މިނިވަންކޮށްދިނުމަށް އެދި ލިޔެފައިވާ ޝުއޫރުތަކާއި އަނިޔާވެރިކަމާއި ދެކޮޅަށް ލިޔެފައިވާ ޝުއޫރުތައް ހިމެނޭ ބެނާތައް ދައްކާލާފައެވެ. އަދި އިލްހާމްގެ ފޮޓޯ ޖަހާފައި ހުރި މިފަދަ ޓީޝާޓްތައް ވެސް ބޭނުންކޮށްފައިވެއެވެ.

އަދި ވެލިދޫ އެކޭ އެއްގޮތަށް އިލްހާމް ދޫކޮށްލަން ގޮވާލާފައިވާ ފޮތިތަކާއި ޓީޝާޓް ވަނީ އިލްހާމްގެ އުފަން ރަށް ގއ. ގެމަނަފުށިންވެސް  އިބޫ އެރަށަށް ކުރެއްވި ޒިޔާރަތުގައި ފެނިފައެވެ.

ރައީސް ޔާމީނުގެ މަންމާފުޅު ނިސްބަތްވަނީ ވެލިދޫ އަށެވެ. އެހެންނަމަވެސް ވެލިދޫ ފާހަގަވެގެންދަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ އަށް ވަރަށް ތާއީދު ބޮޑު ރަށެއްގެ ގޮތުގައެވެ. އިލްހާމް އަހުމަދު ޖަލުގައި ހުންނަވާތާ މިއަދަށް ވަނީ ހަތް މަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް