އިދިކޮޅު ކޯލިޝަނުން ބޮޑެތި ޖަލްސާ ބާއްވަނީ ރަށްރަށުން މީހުން ގެނެސްގެން: ޑރ. ޝަހީމް

އިދިކޮޅު ކޯލިޝަނުން ބޮޑެތި ޖަލްސާތައް ބާއްވަނީ ރަށްރަށުން މީހުން ގެނެސްގެން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ދ. ބަނޑިދޫގައި މިއަދު ބޭއްވި ...

12 Sep 2018 | 09:43

އިދިކޮޅު ކޯލިޝަނުން ބޮޑެތި ޖަލްސާތައް ބާއްވަނީ ރަށްރަށުން މީހުން ގެނެސްގެން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދ. ބަނޑިދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ރަށް ރަށުން މީހުން ގެނެސްގެން ބޮޑެތި ޖަލްސާތައް އިދިކޮޅު ކޯލިޝަނުން ބާއްވަނީ ޕީޕީއެމްގެ ސަޕޯޓަރުން ނަފްސާނީ ގޮތުން ބަލިކޮށްލުމަށް ކަމަށެވެ.

" ބޮޑެތި ރަށްރަށަށް ގޮސްފަ ވެސް އެކި ރަށްރަށުން، ކައިރި ރަށްރަށުން މީހުން ގެނެސްގެން އެ މީހުން ޖަލްސާތައް ބާއްވަމުން ދަނީ. މިއީ އަޅުގަނޑުމެންނަށް އެނގޭ ހަގީގަތްތައް. އެރަށްތަކުގެ އަހުލުވެރިންނެއް ނޫން. ކައިރިރަށްތަކުން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުން މީހުން ގެނެސްގެން ބޮޑު ޖަލްސާތައް ބާއްވަނީ ރައްޔިތުންގެ ހިތާ ކުޅެލުމަށް ކަމަށާއި އިދިކޮޅު ކޯލިޝަނުން ދަނީ އެފަދަ މަކަރުވެރި ރޭވުންތައް ރާވަމުން ކަމަށެވެ. އަދި އެކަމުގެ ޝިކާރައަކަށް ނުވެ ވަރަށް ސާބިތު ބަޔަކަށް ވުމަށް ޑރ. ޝަހީމް ޕީޕީއެމްގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖެ މިހާރު ކުރިއަށް މިދަނީ ވަރަށް މިނިވަންކަމާއެކު ރާއްޖެއަށް ފަހި ގޮތްތައް ހޯއްދައިދެމުން ކަމަށާއި ބޮޑެތި ހޮސްޕިޓަލްތައް އެޅެމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އެވަނީ ހުޅުމާލޭގައި ގާއިމް ކުރެވިފައި. ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު. އެތަނުން މިހާރު އާސަންދަ ވެސް ލިބޭނެ. ރައްޔިތުންނަށް ކިހާބޮޑު ފަސޭހަވުމެއްތޯ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްގީގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓު މި މަހުގެ 18 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށާއި މިއީ ރައްޔިތުން ބޭނުންވާ ތަރައްގީ ކަމަށެވެ.

ރައީސް ޔާމީން ދެތިން އަހަރު ތެރޭގައި ތަރައްގީގެ ރޮނގުން އިންގިލާބީ ބޮޑު ބަދަލެއް ރާއްޖެއަށް ގެނެސްދެއްވި ކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

ބަނޑިދޫ އަށް ދިމާވެފައިވާ ދަތިތައް އެރަށު ރައްޔިތުން މިއަދު ވަނީ ޑރ. ޝަހީމާ ހިއްސާ ކުރައްވާފައެވެ. އަދި އެކަންކަން ހައްލު ކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތުން ދެވެން އޮތް ފުރިހަމަ އެއްބާރުލުމެއް ދެއްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް