އަބަދު ވެސް ދިވެހިންގެ އެއް ނަންބަރު ކުޅިވަރަކީ ފުޓްބޯޅައެވެ. ދިވެހިންނަކީ ފުޓްބޯޅައަށް މަރުދޭ، ފުޓްބޯޅައިގެ ޖޯޝާއި ފޯރި ލޭގައި އިންތިހާއަށް ހިނގާ ބަޔެކެވެ. ދިވެހި ޤައުމީ ޓީމަށް ލިބޭ ކޮންމެ ކާމިޔާބީއަކާ ކުރިއެރުމަކީ އަމިއްލަ ނަފުސަށް ލިބޭ އުފަލެއްގެ ގޮތުގައި ދިވެހިން އަބަދު ވެސް ބަލައިގަންނަނީ އެހެންވެގެނެވެ.
2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސަރަހައްދީ މުބާރާތް ކާމިޔާބުކޮށް ރަން މެޑަލްއާއެކު ދިވެހި ޤައުމީ ޓީމު އައުމުން، ބަތަލުންގެ ދަރަޖަ ދިނީ، ވޯލްޑް ކަޕްގެ ތަށި ލިބިގެން ބަޔަކު އުފާފާޅު ކުރާނެވަރަށް އުފާފާޅު ކުރީ، ދިވެހިންގެ ހިތުގައި ފުޓްބޯޅައަށް އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ. ވީއިރު، ދިވެހިންނަށް ފުޓްބޯޅައާ ގުޅުންހުރި ކަންކަމުގައި، ޚާއްސަކޮށް ގައުމީ ޓީމާ ގުޅުން ހުރި ކަންކަމުގައި ކޮންމެ ގޮތެއް ވަރިހަމައެއް ނުވާނެއެވެ. ކޯޗު ސެގާޓަށް ދިވެހި ނޫސްތައް ކަމުނުދިޔަޔަސް، ފާޑު ކިޔެނީ، ވާނުވާ ބެލޭތީއެވެ. ދިވެހިންގެ ފުޓްބޯޅައަކީ އެންމެހާ ދިވެހިންގެ ކަމަކަށް ވާތީއެވެ.
ދިވެހިރާއްޖެ ފަދަ ފުޓްބޯޅައިގެ އާދައިގެ ފަންތީގެ ގައުމަކަށް ސެގާޓްގެ ފެންވަރު ގޯހެއް ނޫނެވެ. އެ ނަޒަރުން ބަލާނަމަ ސެގާޓް ހަމަ ބަރާބަރެވެ. އެހެނަސް، ފުޓްބޯޅައިގެ ލޭ ހަށިގަނޑުގައި ހިނގާ ގައުމެއްގެ ގައުމީ ޓީމާ ހަވާލުވެ މަސައްކަތް ކުރާއިރު، ހަގީގީ ޒިންމާ ނޭނގޭ ނަމަ، ނަމެއް، ފެންވަރެއް، ފަންވަރެއް، ތަޖުރިބާއެއް ކިޔާނެ ކަމެއް ނެތެވެ. އެ މީހަކީ ކޮންމެ މީހަކަސް ހަމަ ބޭކާރު މީހެކެވެ.
ކޯޗުކަމާ ހަވާލުވުމާއެކު، ސެގާޓް ދިވެހިންނާ އުންމީދީ ވާހަކަތަކެއް ހިއްސާކުރިއެވެ. ޒުވާން ޖީލެއް ބިނާ ކުރުމުގެ ވާހަކަ ވަރަށް ބޮޑަށް ދެއްކިއެވެ. އެހެނަސް، ހުނަރާ ގާބިލްކަން ދެއްކޭނަމަ އުމުރަށް ނުބަލާނެކަމަށާއި، ހަމަ ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރުސަތު އޮންނާނެކަމަށް ވެސް ބުންޏެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، އެކި ހިސާބުތަކުގެ ކުޅުން ބަލާ، ހުނަރުވެރި ކުޅުންތެރިން މުޅި ރާއްޖެއިން ހޮވާލާނެކަމުގެ ވައުދު ވެސް ވިއެވެ.
އެހެނަސް، ފެށީ ބުނި ބަހާ އިދިކޮޅަށެވެ. ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަނގަޑޭ) ގައުމީ ޓީމުން ބާކީ ކުރީއެވެ. ކުށެށް ކޮށްފިނަމަ ކޮންމެ ކުޅުންތެރިއަކަށް ވެސް އަދަބު ލިބެންވާނެކަން ގަބޫލު ކުރަމެވެ. ދަނގަޑޭ ނިއުސް ކޮންފަރެންސްއަށް ނުދިއުމުން އެ ފަހަރު ނެގި ސްކޮޑުން ބާކީ ކުރުމުން އަދަބު ދެވުނީ ނޫންތޯއެވެ. ސެގާޓް އޭރު ބުނެފައިވަނީ ދަނގަޑޭ މުޅިން ބާކީ ކުރީ ނޫން ކަމަށާއި އަދި ނެގުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެހެނަސް، ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުން ވެސް ދަނގަޑޭ ބާކީ ކުރިއިރު، ދެއްކި އުޒުރުތައް ލައްކަ ގިނައެވެ. ސަތޭކަ އިންސައްތަ ނުދޭ ވާހަކައެވެ. އުމުރުން މާ ދުވަސްވެފައިވާ ވާހަކައެވެ. ރިޓަޔާ ކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފައިވާ ވާހަކައެވެ. ލީގުގައި ލަނޑު ޖެހިޔަސް ގައުމީ ޓީމަށް ލަނޑު ނުޖަހާތާ އެތައް ދުވަހެއް ވެފައިވާކަމުގެ ވާހަކައެވެ.
ސުވާލަކީ މިހާތަނަށް ގައުމީ ޓީމަށް ދަނގަޑޭ ސަތޭކަ ޕަސެންޓް ނުދިނީ ކޮން ފަހަރަކު ތޯއެވެ؟ 32 އަހަރުގެ ކުޅުންތެރިއަކު އުމުރުން މާ ދުވަސްވީކަމަށް ބުނިއިރު، އުމުރުން ދުވަސްވެފައިވާ ބައެއް ކުޅުންތެރިން ސްކޮޑަށް ނަގާފައި، ގައުމުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ބާކީ ކުރީ ކީއްވެ ތޯއެވެ؟ އެންމެ ފަހުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މޮޑްރިޗްގެ އުމުރު ހަމަ ނޭނގެނީތޯއެވެ؟ ރިޓަޔާ ކުރަން ގަސްތުކުރާކަމަށް ބުނެފައިވާތީ ބާކީކުރިއިރު، އެފަދަ މުހިންމު ކުޅުންތެރިއަކު ގައުމީ ޓީމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހަމަ ކުރީމު ތޯއެވެ؟ ގައުމީ ޓީމަށް ލަނޑު ނުޖެހޭތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ބުނިއިރު، ފާއިތުވި އަހަރުތަކު ގައުމީ ޓީމުން ކިހާ މެޗެއް ކުޅުނުތޯ އާއި ދަނގަޑޭ ޒަމާންތަކެއް ވާންދެން އަނިޔާގައި ހުރިކަން ކޯޗަށް ހަމަ ނޭނގުނީ ތޯއެވެ؟
ކޮންމެ އަކަސް އެ ސުވާލުތަކުގެ ޖަވާބު އެންމެ ރަނގަޅަށް އެނގޭނީ ހަމަ ސެގާޓަށެވެ. މައްސަލައަކީ ދަނގަޑޭއަށް ލަނޑު ނުޖެހޭތީ ބާކީކޮށްފައި ނެގި ޓީމުން، ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ލަނޑެއް ނުޖެހި ނިންމާލަން ޖެހުމެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބިއިރު ވެސް ރަނގަޅު އެޓޭކިންގ ގޭމެއް ނުފެނުނު ކަމެވެ.
ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމު ދުށް ލަނޑު ޖެހުމުގެ އެންމެ ދަށް ރެކޯޑާއެކު، ގުރުއަތުން ސެމީ ފައިނަލާ ހަމައަށް ދިއުމުން، ސެގާޓް އުފަލުން ފޮޅުނަސް، އެ ކުޅުން ދިވެހިންނަށް ބަލައެއް ނުގަނެވުނެވެ. ސެގާޓް ދިވެހިންގެ ނަސީބު ރަނގަޅު ކަމުގެ ވާހަކަދައްކައިގެން ފުއްދާލިޔަސް، ނަސީބުން މޮޅުވުމަށްވުރެ ދިވެހިން ބޭނުން ވަނީ މޮޅަށް ކުޅެގެން މޮޅުވާށެވެ. ދިވެހިންގެ ފުޓްބޯޅަ ކުރިއަރާށެވެ.
އެންމެ ފަހުން، ސެމީ ފައިނަލް މެޗަށް އެންމެ 24 ގަޑިއިރަށް ވެފައިވަނިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނެއްކާ ވެސް، ޒިންމާ ހަނދާން ނެތިފައިވާ މިންވަރު ސެގާޓް އަމިއްލައަށް ހާމަކޮށްދީފިއެވެ. ސެމީ ފައިނަލަށް ޓީމު ތައްޔާރުވެފައިވާ މިންވަރާއި، ގޭމް ޕްލޭންފަދަ ފުޓްބޯޅައާ ގުޅޭ ވާހަކަތަކަށްވުރެ ސެގާޓްއަށް މުހިންމުވީ އެފްއޭއެމްގެ ރައީސް ދިފާއު ކުރުމެވެ. ދިވެހި ފުޓްބޯޅައަށް ގުރުބާންވާން ވެސް ތައްޔާރަށް ތިބި ދިވެހި ނޫސްވެރިން ކަތިލުމެވެ.
ތިމަންނާ މިތަނަށް ގެނައީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްއޭ، އެހެންވީމާ ކޮންމެ ހާލަތެއްގައި ވެސް ބައްސާމު ދިފާއު ކުރާނަމޭ ބުނުމުން ސެގާޓްގެ ޒިންމާ އަދާވީ ހެއްޔެވެ؟ ސީނިއާ ބައެއް ކުޅުންތެރިން، އެ މީހުންގެ ޝަކުވާ އަޑުއަހަން ކޯޗު ތައްޔާރު ނޫންކަމަށާއި، ރަނގަޅު ޕްލޭނެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށް ބުނެފައިވާކަމަށް އަޑުތައް ފެތުރިފައިވާއިރު، ދެން އޮންނަ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމަކީ ތިމަންނަގެ އަމާޒޭ ބުނެ ފޮނި ކެނޑިއަކަސް ޒިންމާ އަދާ ކުރެވުނު ކަމަކު ނުވާނެއެވެ.
ސެގާޓެވެ. ހުސް އަނގަ ނުތަޅާށެވެ. ދިވެހި ޓީމަށް ކުރިއެރުން ހޯދައިދެވޭކަން ދަނޑުމަތިން ދައްކުވައިދޭށެވެ. ގައުމީ ޓީމު ހަވާލު ކުރީކީ ބައްސާމު ދިފާއު ކުރާކަށް ނޫނެވެ. ސެގާޓެވެ. ހަވާލުކުރެވުނު ޒިންމާ ނޭނގޭނަމަ އަވަހަށް އިސްތިއުފާ ދޭށެވެ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް