ހެނދުނު ހެނދުނާ ނުކުމެ ވޯޓު ފޮށިތައް ފުރާލުމަށް އިބޫ އިލްތިމާސް ކުރައްވައިފި

މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު ހެނދުނާ ނުކުމެ ވޯޓު ފޮށިތައް ފުރާލުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިލްތިމާސް ކުރައްވައިފިއެވެ. ށ. ގޮއިދޫގައި މިއަ...

12 Sep 2018 | 08:42

މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު ހެނދުނާ ނުކުމެ ވޯޓު ފޮށިތައް ފުރާލުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިލްތިމާސް ކުރައްވައިފިއެވެ.

ށ. ގޮއިދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މެންދުރުފަހަށް ނުކުމެ ހެނދުނު ހެނދުނާ އާއިލާ އާއި ރައްޓެހިން ގޮވައިގެން ގޮސް ވޯޓު ފޮށިތައް ފުރާލަން ޖެހޭ ކަމަށެވެ.

"އެދުވަހު ހެނދުނު ހެނދުނާ އާއިލާ އާއި ރަހުމަތްތެރިންނާއި އަވަށްޓެރިންނާއެކު ނުކުމެ ވޯޓު ފޮށިތައް ފުރާލަ ދެއްވާ. މަޑު ނުކުރައްވައްޗޭ މެންދުރުފަހަށް. ހެނދުނު ހެނދުނާ ނިކުމެ ވޯޓުލައި ނަތީޖާ އެތަނުގައި އުއުލާން ކުރެވެން ޖެހޭނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ފަށާނީ އަސާސީ ޚިދުމަތްތަކުން ކަމަށާއި އުސް އިމާރާތްތަކާއި ދިގު ފާލަންތަކާ ހަމައަށް ދާންޖެހޭނީ އެކަންތައްތައް ކުރުމަށްފަހު ކަމަށެވެ.

ގޮއިދުއަށް ބަލާލާއިރު އެރަށުގައި ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމް ނެތްކަން ފާހަގަކުރައްވައި ރައްޔިތުން ރަށުގައި ދިރިއުޅޭނީ ކިހިނެތްތޯ ސުވާލު އުފެއްދެވިއެވެ.

އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލްގެ ހާލަތު ދަށްކަން ފާހަގަކުރައްވައި އެތަންތަނުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމެއްގައި ސިއްހީ މަރުކަޒުތައް ތަރައްގީކުރެވި ލެބޯޓެރީ ގާއިމް ކުރެވި، އެތަނުން ލިބޭ ހިދުމަތްތައް ކިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

ގޮއިދޫ އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެއް ކަމާއި ވަރަށް ބޮޑު އާމްދަނީއެއް އެކަމުން އެރަށުގެ ރައްޔިތުން ހޯދަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ ދަނޑުވެރިކަމުން ހަމައަގު ލިބި އޭގެ ވިޔަފާރި ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް އިބޫ ވިދާޅުވިއެވެ.

އެގޮތުން އެފަދަ ނިޒާމެއް ގާއިމްކޮށް، ކުޑަ އިންޓްރެސްޓެއްގައި ދަނޑުވެރިންނަށް ލޯނު ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް