ކުރިއަށް އޮތް 12 ދުވަސް ފަހުން ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގު ކުރެވޭނެ: އަމީތު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލަތައް ކުރިއަށް އޮތް 12 ދުވަސް ފަހުން ތަހުގީގު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާ...

12 Sep 2018 | 08:31

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލަތައް ކުރިއަށް އޮތް 12 ދުވަސް ފަހުން ތަހުގީގު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކަށް އަރައިގަނެ، މަޖިލީހަށް ސިފައިން ފޮނުވައިގެން ހިންގި ޖަރީމާތަކުގެ އަޑީގައި ހުންނެވީ ރައީސް ޔާމީންކަން އިއްޔެ ގދ. ތިނަދޫގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ޔަގީންވެފައިވާ ކަމަށެވެ.

އިއްޔެ ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ތިމަން މަނިކުފާނު ކަމަށެވެ.

"އިއްޔެ ޔާމީން ގދ. ތިނަދޫގައި ދެއްކެވި ވާހަކަތަކަށްފަހު އަޅުގަނޑުމެންނަށް މިކަންކަން މިއޮތީ އިތުރަށް ސާފުވެ ޔަގީންވެގެން ގޮސްފައި. 60  ހާސް ރައްޔިތުންގެ ހައްގުތައް މިގޮތަށް ނިގުޅައިގަތުމަކީ އާދައިގެ މައްސަލައެއް ނޫން. މިއީ ހަގީގަތުގައި ވަރަށް ބޮޑު ޖަރީމާއެއް،" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިއަށް އޮތީ ބާރަ ދުވަސް ކަމަށާއި ބާރަ ދުވަހަށްފަހު ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ވިދާޅުވީ އެހެން މީހަކު ކުށެއް ކޮށްފިނަމަ އެ މީހަކު ހައްޔަރު ކުރާ ކަމަށާއި ހަމަ އެ އުސޫލުން ރައީސް ޔާމީން ހައްޔަރުކުރުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ކެމްޕެއިން ކުރައްވަނީ ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރައްވައިގެން ކަމަށާއި އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ސަރުކާރުގެ ކުންފުނިތަކަށާއި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ.

ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވިޔަސް އިދިކޮޅު ފަރާތްތަކުން ބަދަހިކަމާއެކު ތިބިހާ ހިނދަކު 23 ސެޕްޓެމްބަރުގައި ރައީސް ޔާމީން ބަލިކުރެވޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ތިނަދޫގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެރަށުގެ އެތައް ބަޔަކު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބަކީ ރައީސް ޔާމީންގެ ވާހަކަފުޅުން ގަވާއިދާ ޚިލާފަށް އެމަނިކުފާނު ކަންތައްތަކެއް ކުރެއްވިކަން ހާމަވުމުން ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ތިނަދޫގެ ތަރައްގީއާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ސައުދުﷲ ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ތިނަދުއަށް ގެނެސްދެމުން ދިޔަ ތަރައްގީ ހުއްޓުވާލީ ރައީސް ޔާމީން ކަމަށެވެ. އެއީ ދެހާހުގެ އަހަރުތަކުގައި މަޖިލިސް މެމްބަރުކަމަށް ހޮއްވަވަމުން ޔާމީން އުޅުއްވި ތިނަދޫ ބޭފުޅަކަށް އިންތިޚާބު ކާމިޔާބު ކުރެވޭ ގޮތް ނުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެހާހުގެ އަހަރުތަކުގައި މަޖިލީހަށް ހޮވަން ރައީސް ޔާމީން އުޅުއްވި ބޭފުޅަކަށް ތިނަދޫން ވޯޓު ނުލިބުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވިކަމަށް ވަނީ ނިކަން ތިނަދޫ ތަރައްގީ ކޮށްލަ ބަލާށޭ،" ސައުދުﷲ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް