ސަރުކާރުން ވަކި އަގެއް ކަނޑައަޅާފައި ވަނިކޮށް ބްރިޖު ހުރަސްކޮށް އަގު ބޮޑުކޮށް ދަތުރު ކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލް ކުރަން ނިންމައިފި އެވެ.
ސަރުކާރުން އަގު ކޮންޓްރޯލް ކުރުމުންވެސް ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް 100 ރުފިޔާ ޓެކްސީ ޑްރައިވަރުން ނަގާކަމުގެ ޝަކުވާ ދަނީ އާންމުން ކުރަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މަހުމޫދު ޝަފީގު މިއަދު މީޑީއާގައި ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުކޮށް ޓެކްސީތަކުން އަގު ނަގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ އެފަދަ ޝަކުވާއެއް ލިބިއްޖެ ނަމަ އެކަން ބަލާ އަގުބޮޑުކޮށް ފީ ނަގާ ޓެކްސީތަކުގެ ހުއްދަ މިއަދުން ފެށިގެން ބާތިލް ކުރަމުންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ބްރިޖު ހުރަސްކޮށް ހުޅުމާލެއާއި ހުޅުލެއާއި ދޭތެރޭ ކުރާ ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅީ ސެންޓަރުތަކުގެ ވެރިންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި މި އަގުތަކަކީ އެމީހުން އެއްބަސްވި އަގުތަކެއް ކަމަށެވެ.
އެ އޮތޯރިޓީން ބުނީ މާލެ އިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެ އަށް ދަތުރު ކުރުމަށް ދަތުރަކަށް ނެގޭނީ ގިނަވެގެން 40 ރުފިޔާ ކަމަށެވެ. މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ދަތުރަކަށް ނެގޭނެ ކަމަށް ކަނޑައަޅާފައިވަނީ 35 ރުފިޔާ އެވެ.
ރޭގަނޑު 12:00 ގެ ފަހުން އެ ދެ ތަނަށް ކުރާ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ އަދި ޑިކީއަށް އެއްޗެހި ލާނަމަ އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ބުނެފައިވެ އެވެ.
ސައިކަލު ޓެކްސީގައި މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ނެގޭނެ ކަމަށް ކަނޑައަޅާފައިވަނީ 20 ރުފިޔާ އެވެ. އަދި މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ދަތުރަކަށް ނެގޭނެ ކަމަށް ކަނޑައަޅާފައިވަނީ 15 ރުފިޔާ އެވެ.
ބްރިޖު ހުރަސްކޮށް ހުޅުލެ އާއި ހުޅުމާލެއަށް ކުރާ ޓެކްސީ ދަތރުތަކުގެ އަގު ކޮންޓްރޯލް ކުރި އިރު އޭގެ ކުރިން އާންމުންގެ އަތުން ވަނީ 150 އާއި 250 އާއި ދެމެދުގެ އަގެއް ޓެކްސީ ޑްރައިވަރުން ނަގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް