އިލްހާމް ހުންނެވީ ގައުމީ ޖިހާދުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް: އިބޫ

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހުންނެވީ ގައުމީ ޖިހާދުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ....

12 Sep 2018 | 07:02

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހުންނެވީ ގައުމީ ޖިހާދުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އިލްހާމްގެ ހަމައެކަނި ކުށަކީ ރައީސް ޔާމީންގެ ވައްކަންތަކަށް އާނއެކޭ ނުބުނުން ކަމަށެވެ.

" އިލްހާމް ޖަލުގައި އޮންނަވާތާ މިހާރު 210 ދުވަސް، ހުކުމެއް ނެތް ޝަރިއަތެއް ކުރިއަކަށްނުދޭ. އިލްހާމްގެ ހަމައެކަނި ކުށަކީ، ރައީސް ޔާމީންގެ ޝިކާރައަކަށްވެފައި އިނީ ރައީސް ޔާމީން އެކުރައްވާ ވައްކަންތަކަށް އާއެކޭ ނުބުނާތީ. ރުހުން ނުދޭތީ" އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ. އިބޫ ވިދާޅުވީ އިލްހާމް އަހުމަދާއި ޖަލުން ބައްދަލުވިކަމަށާއި އިލްހާމްގެ އަޒުމަކަށް ބަދަލެއް ނާންނަކަމަށެވެ. " އެ މަނިކުފާނު ހުންނެވީ އާއިލާ އާއި ކުޑަ ދަރިން ދުރުގައި. އެހެންނަމަވެސް ގައުމީ މި ޖިހާދުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް' އިބޫ ވިދާޅުވިއެވެ.

އިލްހާމް ބަންދުގައި ހުންނަވާތާ ހަމަސްވުމުން ގާނޫނީވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ އިލްހާމް ބަންދުގައި ހުންނަވާތާ އެތައް ދުވަހެއް ވެގެންދާ އިރު ވެސް ޝަރީއަތް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިލްހާމް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އިލްހާމް ހައްޔަރުކުރުމަށްފަހު ސުއާލުކޮށްފައިވަނީ މިހާރު އިލްހާމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާއާ ގުޅޭ މައްސަލައަކާ ގުޅޭގޮތުން ނޫންކަމަށް ވަކީލުގެ ބަޔާނުގައިވެއެވެ. އެގޮތުން އިލްހާމް ފުރަތަމަ ހައްޔަރު ކުރުމަށްފަހު އޭނާއާއި ފުލުހުން ސުވާލުކޮށްފައިވަނީ ހޫނުފެނުގެ މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތު ކުރި ރިޝްވަތުގެ މައްސަލާގައެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ ދެ މައްސަލާގައި ދައުވާކޮށްފައި ނުވާތީ އިލްހާމާއި އެ މައްސަލަތަކުގައި ސުވާލުކޮށްފައިވަނީ އިލްހާމްގެ ބަންދުގައި ޤާނޫނީ ކުލަޖެއްސުމުގެ ގޮތުންކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މެމްބަރު އިލްހާމް އަހުމަދު ޖަލުގައި ބަންދުކުރެވުނުތާ މިއަދަށް 7 މަސް ވެފައިވާއިރު އަދިވެސް ޝަރިއަތް ކުރިއަށްނުދާ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން މައުލޫމާތުދެއެވެ. އިލްހާމް އަހުމަދު ވަނީ ޕީޕީއެމްގެ ނައިބު ރައީސް ކަމާއި ޑީއާރުޕީގެ ނައިބު ލީޑަރުކަން ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް