އިންޓަނެޓް ކޭބަލްއެއް ގަނެ، ރާއްޖޭގައި ފޯރުކޮށްދެމުންދާ އިންޓަނެޓްގެ ހިދުމަތުގެ އަގު 30 ޕަސެންޓު ހެޔޮ ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމްއިން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލެ އަދި ފަހުން ހިއްކަން ނިންމާފައިވާ ވިލިމާލެ ދޭއް ގައި ގާއިމް ކުރުމަށް ރާވާފައިވާ ދެ އައިސީޓީ ޕާކްގެ ސަބަބުން ރާއްޖޭގެ އައިސީޓީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެކަމަށް އިންވެސްޓް ކުރަން އުޅޭއިރު، "އަޅުގަނޑުމެންގެ ޑޭޓާ ބޭރު ބައެއްގެ ކޭބަލަކުން ޓްރާންސްމިޓް" ވާން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައިސް ވިދާޅުވީ ބޭރަށް ބަރޯސާ ވުމުގެ ބަދަލުގައި ގިނަ ކަންކަން މި ސަރުކާރުން އަމިއްލައަށް އިންވެސްޓު ކޮށްގެން ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ބިން ހިއްކުމަށް މަހާޖައްރާފެއް ބަނދެ، ތެޔޮ ގެންނަން ތެޔޮ ޓޭންކަރެއް ގަނެފައިވާ ކަމަށެވެ. އެހެން ކަމުން މި ސަރުކާރުން ހަދަން ނިންމާފައިވާ އައިޓީސީ ޕާކަށް އިންޓަނެޓް ފުޅާ ކުރުމަށް ސަބްމެރިން ކޭބަލެއް މި ސަރުކާރުން ގަންނާނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ އެއްޗަކަށް ވާން ޖެހޭނީ. ހިއްކާނެ ގޮތެއް ނެތީމާ މަހާ ޖައްރާފާ ހޯދީ. ތެޔޮ ގެނެވޭނެ ގޮތެއް ނެތީމާ ބޮޑު ޓޭންކަރެއް ހޯދީ. އައިސީޓީގެ އަގު ހެޔޮކުރަން ބޭނުންވީމާ، ސަބްމެރިން ކޭބަލް ވެސް އިންވެސްޓް ކުރާނެ މި ރައީސް،" ރޭގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ހުޅުމާލެ އަކީ ބައިނަލްއަގްވާމީ ވިޔަފާރިތައް ހިނގާނެ ހަބަކަށް ހަދަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި އިންޓަނޭޝަނަލް ބިޒްނަސް ސެންޓަރުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް