މިނިސްޓަރު މަގާމުން ދުރުކުރުމަކީ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތެއް ނޫން: ޓްރޭޑް ޔޫނިއަން

އިކޮނޮމިކް މިނިސްޓަރ މަގާމުން ދުރު ކުރުމަކީ ގައުމުގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ބުނެފިއެވެ. މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނީ، މި ނާޒުކު ދަނޑިވަޅ...

12 Aug 2020 | 16:01

އިކޮނޮމިކް މިނިސްޓަރ މަގާމުން ދުރު ކުރުމަކީ ގައުމުގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ބުނެފިއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނީ، މި ނާޒުކު ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރ މަގާމުން ދުރު ކުރުމަކީ ގައުމުގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި އިންވެސްޓަރ ކޮންފިޑެންސަށް މީގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު މި ދަނޑިވަޅުގައި ހުރީ ރަނގަޅު މިސްރާބަށް ކަމަށް އެ ޔޫނިއަން އިން ގަބޫލްކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޓްރޭޑް ޔޫނިއަން އިން މިހެން ބުނެފައި މިވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ ހުށަހަޅަން ސޮއި ހޯދަމުންދާކަން ހާމަ ކުރުމާއި ގުޅިގެންނެވެ. އެ މަސައްކަތް ކުރަނީ ފައްޔާޒް ނިސްބަތްވެ ވަޑައިގެންނަވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލީސް މެމްބަރުންނެވެ.

ޓްރޭޑް ޔޫނިއަން އިން ވަނީ، އިގްތިސާދީ ގޮތުން މުޅި ދުނިޔެ ތަހައްމަލް ކުރަމުންދާ ހީނަރު ކަމުން އަރައިގަތުމުގެ ވިޔަފާރި ވެރިންނާ ސަރުކާރު ގުޅިގެން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތައް ވަޅު ޖެހިގެން ދިޔަ ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

https://twitter.com/MTradeUnion/status/1293552667797499904?s=19

މީގެ އިތުރުންވެސް، ވިޔަފާރި ވެރިންނާ ސަރުކާރު ގުޅިގެން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތައް ކާމިޔާބު ކުރުމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ޓްރޭޑް ޔޫނިއަންގެ ފުރިހަމަ އެއްބާރުލުން އޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

ފައްޔާޒު މިނިސްޓަރު ކަމުގައި ހުންނެވީ ވެސް އެމްޑީޕީގެ ސްލޮޓެއްގަ އެވެ. އެކަމަކު މިނިސްޓަރު ފައްޔާޒަކީ ކުރީގެ ރައީސް ނަޝީދަށް ވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަރަށް ގާތް ކަމެއް އޮންނަ އެ މަނިކުފާނުގެ އިތުބާރު ބޮޑު ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް