ބޮލީވުޑްގެ ތަރި ސަންޖޭ ދަތައް ކެންސަރު ޖެހިއްޖެ އެވެ.
އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ ތިން ދުވަސް ކުރިން ނޭވާލާން އުނދަގޫވެ މޭގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިއުމުންނެވެ. އޭނާއަށް ދެ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ އިއްޔެ އެވެ.
ސަންޖޭ ވަނީ ހޮސްޕިޓަލުން ދޫކޮށްލުމާއި އެކު ފިލްމީ ދާއިރާގެ މަސައްކަތްތަކާއި ކުޑަ ދުވަސްކޮޅަށް ދުރައް ޖެހިލައި ސިއްހީ ފަރުވާ ހޯދަން ޖެހިފައިވާ ކަން ޓުވިޓާގައި އިއުލާނުކޮށްފައި އެވެ. އެކަމަކު ފަރުވާ ހޯދަން ޖެހުނީ ކޮން ބައްޔަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ސަންޖޭ ވަނީ އޭނާގެ ސަޕޯޓަރުންގެ ކިޔަބައިން ހާސްނުވުމަށް އެދިފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސަންޖޭ ދަތަށް ޖެހިފައިވަނީ ފުއްޕާމޭގެ ކެންސަރެވެ. އަދި ހާލަތު ސްޓޭޖް ހަތަރެއްގައި ހުރި އިރު ވަރަށް އަވަހަށް ފަރުވާ ހޯދަން ޖެހޭތީ އެމެރިކާއަށް ދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.
ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ފުރަތަމަ ހީކޮށްފައިވަނީ އޭނާއަށް ކޯވިޑް-19 ޖެހިފައިވާ ކަމަށެވެ. އެހެންވެ ބައްޔަށް ޓެސްޓު ކުރި ނަމަވެސް ނަތީޖާ ނެގެޓިވް ކަމަށް ސަންޖޭއަށް ފަރުވާ ދިން ލިލަވަތީ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން ރިޝީ ކަޕޫރާއި އިމްރާން ހާން ވަނީ ކެންސަރު ބަލީގައި މިއަހަރު މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް