ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އަންގައިފި

ކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައިފިއެވެ. ފުލުހުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ގުގުރައި ވިއ...

12 Aug 2019 | 05:35

ކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ގުގުރައި ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށެވެ. އަދި މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯއްދަވައިގެން ދަތުރުކުރެއްވުމަށް އިލްތިމާސްކުރާކަމަށް ވެސް ފުލުހުން ވިދާލުވިއެވެ.

" ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. ވަކިން ޚާއްޞަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓެވުމަށް ދަންނަވަމެވެ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ މިފަދަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅާފައިހުންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވވާ ކަމަށެވެ. އެހެންކަމުން އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް އިލްތިމާސް ކުރާކަމުގައެވެ.

މީގެ އިތުރުންވެސް ވައިގަދަވެގެންދާ ވަގުތުތަކުގައި އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން، ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސް ގައި ހުންނަ ގަސް މުށި ފަދަތަކެތި ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ ހިނގާފާނެެ ހާދިޘާއަކުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ އިން މިއަދު ބުނެފައި ވަނީ ކުރިއަށް އޮތް 48 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް