މުޅިން އެކަހަރިކޮށް އޮންނަ ހދ. މަކުނުދޫއަށް ވައިގެމަގުން ދަތުރުކުރެވޭނެ ފަސޭހަގޮތެއް ގާއިމްކޮށްދޭނެ ކަމުގައި ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެއެވެ. އިބޫ މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަ މުންނެވެ.
އިބޫ ވިދާޅުވީ މިރަށަށް މުހިންމީ އެއާޕޯޓެއް އެޅުންތޯ ނުވަތަ ސީޕްލޭންގެ ދަތުރުތައް ފެށުންތޯ ދިރާސާ ކުރައްވައި އެއިން ކޮންމެވެސް އެއް ހިދުމަތެއް މަކުނުދޫއަށް ތައާރަފް ކުރައްވާނެ ކަމަށެވެ. ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭނީ ކޮން ގޮތަކުންކަން ތަފްސީލާއެކު ވިދާޅުވެވެން ނެތީ އެކަމަށް ކުރަންޖެހޭ ދިރާސާތައް އަދި ނުނިމޭތީ ކަމަށް އިބޫ ވިދާޅުވިއެވެ. ނަމަވެސް ވައިގެ މަގުން ހިދުމަތް ދޭން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
" އަޅުގަނޑުމެން އެކުރާ ދިރާސާގެ އަލީގައި މިތަނަށް(މަކުނުދޫއަށް) އެންމެފައިދާ ހުރީ، އެންމެ ފަސޭހައިން މިތާންގައި ބޭނުންކުރެވޭނީ ސީ ޕްލޭންތޯ ނޫނީ އެރޯޕްލޭން ތޯ އަޅުގަނޑުމެން ބަލާ އެކަމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން. އެއީކީ އަޅުގަނޑުމެން ހަނދާން ނައްތާލާނެކަމެއް ނޫން. " އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މަކުނުދޫގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމުގައެވެ. އަދި ހދ އަތޮޅަކީ ނޫ އިޤްތިޞާދުގެ ދަށުން ތަރައްޤީ ކުރެވިގެންދާނެ އަތޮޅެއްކަމަށާއި ޚާއްސަ ސަމާލުކަމެއް ދީގެން ހދ އަތޮޅު ތަރައްޤީކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ މިއަދު އުޅުއްވަނީ ހދ އަތޮޅަށް ވަޑައިގެން އެއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައެވެ. އިބޫ ގެ މިދަތުރުފުޅުގައި ހދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް