އަވަސް ނޫހުގެ ރަސްމީ ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށް ފޮނުވާ ނިއުސް ނޮޓިފިކޭޝަންގައި ހިމެނޭ ފޮޓޯގަނޑުގެ އަސްލު އޮޅުވާލައި ޚަބަރުގެ ސުރުހީ ބަދަލުކޮށް އެތަކެތި އެއްވެސް ސިފައެއްގައި އާންމު ނުކުރުމަށް އަވަސް ނޫހުން އިލްތިމާސްކޮށްފިއެވެ. އެނޫހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ އަވަސް ނޫހުގެ ޚަބަރުތަކުގައި ހިމެނޭ ފޮޓޯ ގަނޑު އެކި ގޮތްގޮތަށް އެޑިޓްކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ފެތުރުން މިފަހުން ވަރަށް ބޮޑަށް އާންމުވެފައިވާކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި ބުނެފައިވަނީ މިފަދަ ގޮތަކަށް އެ ނޫހުގެ ތަކެތި އެޑިޓްކޮށް ބޭނުން ކުރުމުގެ ސަބަބުން އަވަސްގައި ޝާއިއު ކުރާ ޚަބަރުތަކުގެ އަސްލު އޮޅި ބައެއް ފަރާތަކުން ދަނީ އެކަމުގެ ޝަކުވާ ކެނޑިނޭޅި ހުށަހަޅަމުންކަމުގައެވެ. އަދި މިގޮތަށް އެޑިޓްކޮށް ފަތުރާ ތަކެއްޗަކީ އަވަސްއާ އެއްވެސް ގޮތަކަށް ގުޅުމެއް ނެތް ތަކެތި ކަމަށްވެސް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
" އެހެން ކަމުން، އަވަސްގައި ޝާއިއު ކުރާ ޙަބަރުތަކުގެ ނިއުސް ނޮޓިފިކޭޝަންގައި ހިމެނޭ ފޮޓޯ ނުވަތަ ހަބަރުތަކުގެ ސްކްރީން ޝޮޓްނަގައި އޭގެ އަސްލު އޮޅޭނެ ފަދަ ބަދަލުތައް ގެނެސްގެން އެތަކެތި އެއްވެސް ސިފައެއްގައި އާންމު ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތައް އަވަސް އިން ކުށްވެރި ކުރާ ވާހަކަ ވެސް ދަންނަވަމެވެ" އަވަސް ނޫހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އަވަސް ނޫހުން މިނޫސްބަޔާން ނެރެފައިވާއިރު ރާއްޖޭގައި ހިންގާ ބޮޑެތި ނޫސްތަކުގެ ޚަބަރުތަކުގެ ނޮޓިފިކޭޝަންގައި ހިމެނޭ ފޮޓޯތައް އެޑިޓްކޮށްގެން ސޯޝަލް މީޑިޔާގައި ބޭނުންކުރުން ވަނީ މިފަހަކަށް އައިސް އާންމުވެފައެވެ. އެޑިޓްކޮށްފައި ހުންނަ އެފަދަ ގިނަ ޕޯސްޓްތަކެއް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް