ޖުލައި 2018 ގައި މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން ހާމަކޮށްފައިވާގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު %2.0 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %0.1 އިތުރު އަދަދެކެވެ.
2017ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާއި ގުޅިގެން 1 ޖުލައި 2018 އަށް ސުންގަޑި ފަސްކުރެވިފައިވުންކަމުގައި މީރާއިން ބުނެ އެވެ.
"ޖުލައި 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ %43.9 ނުވަތަ 934.50 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. އެއީ %24.4 ނުވަތަ 519.13 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި %16.4 ނުވަތަ 348.21 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި (105.32 މިލިއަން ރުފިޔާ ނުވަތަ %4.9)، ގްރީން ޓެކްސްގެ ގޮތުގައި (44.03 މިލިއަން ރުފިޔާ ނުވަތަ %2.1) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (177.60 މިލިއަން ރުފިޔާ ނުވަތަ %8.3) ހިމެނެއެވެ." މީރާއިން ބުނެއެވެ.
މީގެ އިތުރުން ޖުލައި 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 47.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމުގައިވެސް މީރާއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް