އަނުޝްކާ ޝަރުމާ އާއި ވިރާތު ކޯލީއަކީ ގިނަ ބައެއްގެ މެދުގައި މަޤްބޫލު ޖޯޑެކެވެ. ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ކައިވެންޏަކާ ހަމައަށް ގެންގޮސް މިހާރު ދެމީހުން އުޅެމުންދާ އުފާވެރި ދިރިއުޅުމަކީ ގިނަބަޔެއްގެ ތަޢުރީފު ލިބެމުންދާ ކަމެކެވެ. 2017 ވަނަ އަހަރު އިޓަލީގައި ސިއްރުން ބޭއްވި ހަފްލާއެއްގައި ދެ މީހުންގެ ކައިވެނި ކޮށްފައިވާއިރު ދެމީހުންގެ ފޭނުންނަށް އެ ޚަބަރު ވެގެންގޮސްފައިވަނީ އުފާވެރިކަން ގެނުވި ޚަބަރެކަށެވެ. ކައިވެނީގެ ތައްޔާރީތަކާއި ވާހަކަތައް މީޑިޔާއަށް ހާމަކުރުމެއް ނެތި ކައިވެނިކޮށްފައި އެވާހަކަތައް ހިއްސާކުރުމުން ގިނަބަޔަކަށް ވަނީ ސިހުން ލިބިފައެވެ. ކައިވެންޏަށް ފަހު ދެމީހުންވެސް އަންނަނީ ދެ މީހުންގެ ކެރިއަރުގައި ހިންގާކަމުގައި އެކަކު އަނެކަކަށް ދެވެން އޮތް އެހީތެރިކަމެއް ދެމުންނެވެ.
އެގޮތުން ވިރާތު މިހާރު ހުރީ އިނގިރޭސިވިލާތުގައި އިންޓަރނޭޝަނަލް ޓެސްޓް ސީރީސް ތަކުގެ މެޗްތަކެއް އިންގްލެންޑާ ދެކޮޅަށް ކުޅުމަށެވެ. އަނުޝްކާ ވަނީ އިނގިރޭސިވިލާތުގައި މިދުވަސްތަކުގައި ވިރާތު އާއެކު ހޭދަކޮށްފައެވެ. މަހެއްހާ ދުވަސް ވިރާތު އާއެކު އިނގިރޭސިވިލާތުގައި ހުރުމަށްފަހު އަނުޝްކާ ވަނީ އެނބުރި މުމްބާއީއަށް އައިސްފައެވެ.
ދާދިފަހުން މީޑިޔާއަށް ދިން އިންޓަރވިއުއެއްގައި އަނުޝްކާ އަށް އެންމެ އެހީތެރިވަނީ ކާކުތޯ އެހުމުން އަނުޝްކާ ބުނެފައިވަނީ އެމީހަކީ ވިރާތު ކަމުގައެވެ.
އަނުޝްކާ ބުނެފައިވަނީ ބައެއް ފަހަރު މަސައްކަތްތައް ހުންނަގޮތުން އަމިއްލަ ނަފުސަށް ވަގުތު ނުދެވޭ ކަމުގައެވެ. އާއިލާ އާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް ބޭނުންވާކަމެއްކަމަށާއި ނަމަވެސް މަސައްކަތްތައް ހުންނަ ގޮތުން އެކަމަށް ވަގުތު ނުދެވޭކަމަށް އަނުޝްކާ ބުނެފައިވެއެވެ. ނަމަވެސް މިހާރު އަމިއްލަ ނަފުސާއި އާއިލާއަށާއި މަސައްކަތަށް ވަގުތު ދިނުމުގައި ބެލެންސް ކޮށްގެން ވަގުތު ދެމުން ގެންދާކަމަށް އަނުޝްކާ ބުންޏެވެ. އަދި އެކަމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަނުޝްކާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް