ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތު އެކުލެވޭ މެނިފެސްޓޯއެއް ފެނިގެންދާނެ – އިބޫ

ގުޅިފައިވާ ކޯލިޝަންގެ މެނިފެސްޓޯ ހާމަވެގެންދާއިރު މިއިންދުވަހަކު ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތުތައް އެކުލެވިފައިވާ މެނިފެސްޓޯއެއް ފެނިގެންދާނެކަމުގައި ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް ...

12 Aug 2018 | 08:45

ގުޅިފައިވާ ކޯލިޝަންގެ މެނިފެސްޓޯ ހާމަވެގެންދާއިރު މިއިންދުވަހަކު ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތުތައް އެކުލެވިފައިވާ މެނިފެސްޓޯއެއް ފެނިގެންދާނެކަމުގައި ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ވިދާޅުވެއްޖެއެވެ. އިބޫ މިހެން ވިދާޅުވީ ރާއްޖެ ޓީވީން ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ދީނީ ސިޔާސަތަކަށް ވާނީ ދިވެހިރާއްޖޭގައި މިހާރުވެސް މިއޮތް ސައްތައިން ސައްތަ އިސްލާމީ ދައުލަތް އެގޮތުގައި ދެމިއޮތުމަށް ކުރަންޖެހޭ މަސައްކަތުގެ ސިޔާސަތު ކަމުގައެވެ. އެގޮތުން ޞައްހަ އިސްލާމީ އަޤީދާއެއްގެ މަތީގައި ދެމިއޮތުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ.

" އަޅުގަނޑު މިހާރުވެސް މިދަނީ ރާއްޖޭގައި ތިއްބެވި، ރައްޔިތުން ޤަބޫލުކުރާ، ރައްޔިތުން އިތުބާރު ކުރާ، ދީނީ ޢިލްމުވެރިންނާއި މަޝްވަރާކޮށް އެ ސިޔާސަތުތައް އެކުލަވާލަމުން. އަޅުގަނޑުމެންގެ އެއް ބައިވެރިޔަކީ ޢަދާލަތު ޕާޓީ. ޢަދާލަތު ޕާޓީގައި ދީނީ ޢިލްމުވެރިންގެ މަޖިލީހެއް އެބައޮވޭ. އެމަޖިލީހުގެ މަޝްވަރާގެ މަތިން، އަދި އަޅުގަނޑުމެންނާއެކު ކުރީގެ ރައީސް މައުމޫންވެސް މިހުންނެވީ. އެބޭފުޅުންގެ ވިސްނުމުގެ އަލީގައި އަޅުގަނޑުމެން މިއަންނަނީ ދީނީ ސިޔާސަތުތައް ބައްޓަން ކުރަމުން ." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މި ސިޔާސަތުތަކާއެކު ރާއްޖޭގެ މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގައެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނެއް އޮތުމަށް ފުރުސަތު ނުދެއްވާނެކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިބޫގެ ދީނީ ސިޔާސަތު ހާމަކުރެއްވުމަށް މީގެކުރިން ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް