މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓް 7 ވަނަ ދުވަހުގެ 10:45 ހާއިރު ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ. ނައިފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، ނައިފަރު އައުބަނދަރު ސަރަހައްދު ތިންރުއްޕާރކް ކައިރިން 18 އަހަރުން ދަށުގެ ކުއްޖަކު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ހަތަރު ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 07 ދުވަހުގެ މުއްދަތެއްވަނީ ދީފައި ކަމަށް ފުލުހުން މައުލޫމާތު ދެެއެވެ.
ދެވަނަ އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓް 9ވަނަ ދުވަހުގެރޭ 22:15 ހާއިރު ހިންގި އޮޕަރޭޝަނެކެވެ. ފުލުހުންގެ އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ދެރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 05 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.
މި ދެމައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް