އިލްހާމް ޖަލުގައި ހުންނަވާތާ 6 މަސް، އިސްލާހީ މަސައްކަތުގައި ހުންނެވީ ސާބިތުކަމާއެކު

ހައްޔަރުކޮށް ޖަލަށްލާފައި ހުންނަތާ ހަ މަސް ދުވަސް ވެފައިވާ އިރު ވެސް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހުންނެވީ ސާބިތުކަމާއެކު އިދިކޮޅު ފަރާތްތަކުން ފެށި އިސްލާހީ ހަރަކާތާއެކު ކަމަށް އިލްހާމ...

12 Aug 2018 | 06:48

ހައްޔަރުކޮށް ޖަލަށްލާފައި ހުންނަތާ ހަ މަސް ދުވަސް ވެފައިވާ އިރު ވެސް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހުންނެވީ ސާބިތުކަމާއެކު އިދިކޮޅު ފަރާތްތަކުން ފެށި އިސްލާހީ ހަރަކާތާއެކު ކަމަށް އިލްހާމްގެ ގާނޫނީ ވަކީލުން ބުނެފިއެވެ. ވަކީލުން މިހެން ބުނެފައިވަނީ އިލްހާމް އަހުމަދު ޖަލުގައި ހުންނަވާތާ ހަމަސް ވުމުމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނު ގަ އެވެ.

މި ނޫސް ބަޔާނުގައި ވަނީ އިލްހާމް މިއަދުވެސް ހުންނެވީ ފަހަތަށް ޖެހުމުގެ އެއްވެސް ވިސްނުމެއް ނެތި، އިޞްލާޙީ ޙަރަކާތާއެކު، ވަރަށް ގަދަކޮށްކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާކަމުގައެވެ. އަދި އިސްލާހީ މަސައްކަތުގައި ތިބި ދިވެހިންނަށް އިލްހާމް ޝުކުރު ދަންނަވައެވެ.

ވަކީލުންގެ ބަޔާނުގައި އިލްހާމް ބަންދުގައި ހުންނަވާތާ އެތައް ދުވަހެއް ވެގެންދާ އިރު ވެސް ޝަރީއަތް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އިލްހާމް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އިލްހާމް ހައްޔަރުކުރުމަށްފަހު ސުއާލުކޮށްފައިވަނީ މިހާރު އިލްހާމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާއާ ގުޅޭ މައްސަލައަކާ ގުޅޭގޮތުން ނޫންކަމަށް ވަކީލުގެ ބަޔާނުގައިވެއެވެ. އެގޮތުން އިލްހާމް ފުރަތަމަ ހައްޔަރު ކުރުމަށްފަހު އޭނާއާއި ފުލުހުން ސުވާލުކޮށްފައިވަނީ ހޫނުފެނުގެ މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތު ކުރި ރިޝްވަތުގެ މައްސަލާގައެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ ދެ މައްސަލާގައި ދައުވާކޮށްފައި ނުވާތީ އިލްހާމާއި އެ މައްސަލަތަކުގައި ސުވާލުކޮށްފައިވަނީ އިލްހާމްގެ ބަންދުގައި ޤާނޫނީ ކުލަޖެއްސުމުގެ ގޮތުންކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

" އިލްހާމް އަޙްމަދަށް މައްސަލައިގެ ލިޔުންތައް ލިބުނު ފަހުން މިއަދަށް، 135 ދުވަސް ވަނީ ފާއިތުވެފައެވެ. އިލްހާމް އަޙްމަދުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީޢަތުން، ގޮތެއް ނިންމާފައިވާ ތާރީޚްކަމުގައިވާ، 7 މެއި 2018 ވަނަ ދުވަހުން ފެށިގެން ވެސް މިއަދަށް 96 ދުވަސް ފާއިތުވެއްޖެއެވެ. އޭގެ ފަހުން އެއްވެސް އަޑުއެހުމެއް ވެސް ބޭއްވިފައެއް ނުވެއެވެ. ކަމާބެހޭ އެއްވެސް މުއައްސަސާއަކުން މިކަންކަމާ ގުޅިގެން އެކަށީގެންވާ ގޮތުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަމީ ކިތަންމެ ލަދުވެތި ނަމަވެސް ކަން އޮތް ގޮތުގެ ޙަޤީޤަތެވެ،" އިލްހާމްގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އިލްހާމްގެ މައްޗަށް ދައުވާކޮށްފައިވާ ޓެރަރިޒަމްގެ މައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން 32 ހެއްކެއް ކޯޓަށް ހުށަހަޅާފައިވާކަމަށް މި ބަޔާނުގައި ވެއެވެ. ނަމަވެސް އެހެކިތައް ހުށަހަޅާފައިވާ ސަބަބުތަކުގައި އިލްހާމްގެ އަމަލާ ގުޅޭ އެއްވެސް ވާހަކައެއްގެ އިތުރުން އިލްހާމްގެ ނަން ހިމަނާފައިނުވާތީ އެހެކިތަކަކީ އިލްހާމްގެ އަމަލެއް ސާބިތުވުމުގެ ފުރުސަތެއްވެސް އޮތް ހެއްކާ ޤަރީނާތަކެއް ނޫންކަމަށް މި ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް