ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބޭނެ ގޮތަށް ފާސްކޮށްފި

ބާ ކައުންސިލުން ހިންގާ އެއް މަސް ދުވަހުގެ ތަމްރީނު ޕޮރޮގްރާމެއް ފުރިހަމަ ކުރުމުން ގާނޫނީ ވަކީލު ކަމުގަ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ. ބާ ...

12 Jul 2020 | 17:18

ބާ ކައުންސިލުން ހިންގާ އެއް މަސް ދުވަހުގެ ތަމްރީނު ޕޮރޮގްރާމެއް ފުރިހަމަ ކުރުމުން ގާނޫނީ ވަކީލު ކަމުގަ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.

ބާ އިމްތިހާނު ނުހަދާ މިހާރު ތިބި ވަކީލުންނަށް ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

އެ އިސްލާހުތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދިރާސާ ކުރުމަށް ފަހު ނިންމާފައިވަނީ މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބިދެވޭ ގޮތަށެވެ.

ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު މަޖިލީހުން ފާސްކޮށް ގެޒެޓުގައި ޝާއިރު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލެއް ބާ ކައުންސިލުން އެކުލަވާލައި، ގެޒެޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އުސޫލު ގެޒެޓް ކުރާތާ ހަތް ދުވަހުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމް ބާއްވަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވި ނަމަވެސް، އަހަރެއް ވެގެން ދިޔައިރުވެސް ބާ އިމްތިހާނު ބާއްވާފައި ނުވާތީ ހުއްދަ ނުލިބިގެން ވަކީލުކަން ކިޔަވައިގެން ތިބި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ތަމްރީނު ޕްރޮގްރާމަށް ފަހު ވަކީލު ކަމުގެ ހުވާ ކުރާ ފަރާތްތަކުން އެންމެ އަވަހަށް ބާ ކައުންސިލުން ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ވަނީ ލާޒިމް ކޮށްފައެވެ. ނަމަވެސް އެ ބާ އިމްތިހާނުގައި ބައިވެރި ނުވުމުން ދެން ވާނެ ގޮތެއް ކޮމިޓީއިން ގެނައި އިސްލާހުގައި ބަޔާން ކޮށްފައެއް ނުވެއެވެ.

އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބެނީ މިހާރު ހުވާ ނުކުރެވި ތިބި ވަކީލުންނަށެވެ. އޭގެ ފަހުން ކިޔަވާ ކުދިންނަށް ހުއްދަ ލިބޭނީ ބާ އިމްތިހާނު ފުރިހަމަ ކުރުމުން ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް