ވިކްޓިމް އައިޑެންޓިފިކޭޝަން ސްޕެޝަލިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ބައިވެރިނަން ސެޓްފިކެޓް ދީފި

ވިކްޓިމް އައިޑެންޓިފިކޭޝަން ސްޕެޝަލިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ބައިވެރިނަން ސެޓްފިކެޓް ދީފިއެވެ. ފުލުހުން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮގްރާމަކީ އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކ...

12 Jul 2019 | 11:28

ވިކްޓިމް އައިޑެންޓިފިކޭޝަން ސްޕެޝަލިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ބައިވެރިނަން ސެޓްފިކެޓް ދީފިއެވެ.

ފުލުހުން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮގްރާމަކީ އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަދި އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސް ބޭނުންކުރަން ދިވެހި ފުލުހުން ތަމްރީން ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަކީ މީހަކަށް ނުވަތަ ކުއްޖަކަށް އަނިޔާ ލިބެމުންދާ މަންޒަރުދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފަދަ ހެކި ދިރާސާކޮށް އެ ހެކިތައް ބޭނުންކޮށްގެން އެ ކުށް ހިންގާފައިވާ ތަނާއި އަނިޔާ ލިބެމުންދާ މީހާއާއި ތުހުމަތުކުރެވޭ މީހާ ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަށް ބައްޓަން ކުރެވިފައިވާ ނިޒާމެކެވެ. މި ނިޒާމު ބޭނުންކުރުމުން، އަނިޔާއެއް ލިބެމުންދާ މަންޒަރު ފެންނަ ފޮޓޯއެއް ނުވަތަ ވީޑިއޯ އެއް ލިބިއްޖެނަމަ، ވިކްޓީމް އައިޑެންޑިފިކޭޝަން ސްޕެޝަލިސްޓުން، ފޮޓޯ ނުވަތަ ވީޑިއޯގެ ފުރިހަމަ ދިރާސާއެއްކޮށް ތަހުގީގީ އުކުޅުތަކާއި މިކަމަށް ޚާއްޞަ ވަސީލަތްތަކުގެ އެހީގައި އަނިޔާލިބެމުންދާ ކުއްޖާ ނުރައްކަލުން ސަލާމަތްކުރުމުގެ މަޤުޞަދުގައި މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދެއެވެ. އެގޮތުން، މި ކަމަށް ބޭނުންކުރާ އެއް ވަސީލަތަކީ އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސްއެވެ. މި ޑޭޓާ ބޭސްގައި ހިމެނޭ އިމޭޖް ކޮމްޕެރިސަން ސޮފްޓްވެއާގެ އެހީގައި ތަފާތު ފޮޓޯތައް އަޅާ ކިޔައި ފޮޓޯތަކާ ގުޅޭ މައުލޫމާތު މި ޑޭޓާބޭސް ބޭނުންކުރާ ފަރާތްތަކާ ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކަކުން މިހާރުވެސް ބޭނުންކުރަމުން ގެންދާ ވަސީލަތެކެވެ.

2019 ޖުލައި 08 ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމް ނިންމުމަށް އިއްޔެ އިންކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔުނިސެފްގެ ދިވެހިރާޖޭގެ ރެޕްރެޒެންޓޭޓިވް ޑރ. މުނީރު ސަފީލްދީން އެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިން ނުރައްކަލުން ސަލާމަތްކޮށް ކުޑަކުދިންނާ ގުޅުހުންހުރި މައްސަލަތަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައި ވެ އެވެ. އޭގެ އިތުރުން، ޓްރާންސް ނޭޝަނަލް ކުށްތައް އިތުރުވަމުންދާއިރު، ޖިންސީގޯނާ ކުރުމުގެ މައްސަލަތައްވެސް އެފަދަ މައްސަލަތަކުގެ ތެރެއަށް ވަންނަމުންދާކަންވެސް ފާހަގަކުރައްވައި، މައުސޫމް އެތައް ކުދިންނެއް މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވަމުންދާކަން ޝަރަފުވެރިމެހެމާނު ޑރ. މުނީރު ސަފީލްދީން ފާހަގަކުރެއްވިއެވެ.

"އެހެންކަމުން، ނިމިގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ޓްރާންސްނެޝަނަލް ޖިންސީގޯނާއިން ދިވެހިރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ވަރަށް މުހިއްމު ޓްރޭނިން ޕްރޮގްރާމެއް. އަޅުގަނޑު އުންމީދުކުރަނީ، މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބުނު މަޢުލޫމާތާއި ހުނަރުގެ ބޭނުން ހިފައި ކުޑަކުދިންނަށް މިހާރަށްވުރެ ރައްކާތެރި މާހައުލެއް ބިނާކުރެވިގެންދާނެކަމަށް" ޝަރަފުވެރިމެހެމާން ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތު ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފްގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމެއް ކާމިޔާބު ކަމާއެކު ނިންމާލެވުމުގައި ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، އިންސާނީ ވަސީލަތް ތަރައްޤީކޮށް ފުލުހުންގެ ހުނަރު ކުރިއެރުވުމުގައި ޔުނިސެފްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބެމުންދާ އެހީތެރިކަން ފާހަކުރައްވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފް ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން، އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަދި އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސްއަށް ދިވެހި ފުލުހުން ތަމްރީންކޮށް ދިވެހި ފުލުހުންގެ ތަހުގީގު ތަކުގައި އެ ވަސީލަތް ބޭނުންކުރެވޭނެ މަގު ފަހިކޮށްދެއްވިކަމަށްޓައި އިންޓަޕޯލްގެ ޖެނެރަލް ސެކެޓްރީއަށާއި ކްރައިމް އެގެއިންސްޓް ޗިލްރަން ޔުނިޓަށް ޝުކުރު ދެންނެވިއެވެ. އަދި، އެ ޑޭޓާބޭސްގެ މުހިއްމުކަން ފާހަގަކުރައްވައި ޙަސަން ހަނީފް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ދެކޮޅަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތުގައި މި ޑޭޓާބޭސް މުހިއްމު ރޯލެއް ކުޅޭނެކަމަށް ދެކިލައްވާ ކަމަށެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މޫމިނާ އަގީލްއެވެ.

މި ތަމްރީން ޕްރޮގްރާމްގައި މަޢުލުމާތު ދެއްވީ އިންޓަޕޯލްގެ ޓްރޭނަރުން ކަމުގައިވާ މިސް ސިސިލިޔާ ވޮލިން އާއި މިސް ގޮޑާނާ ވުޖިސިކް އެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރިމެހެމާން ޑރ. މޫނީރު ސަފީލްދީންގެ އިތުރުން، އިންޓަޕޯލްގެ ޓްރޭނަރުންނާއި ޔުނިސެފް މޯލްޑިވްސް ޕްރޮގްރާމް ސްޕެޝަލިސްޓް މުޙައްމަދު ނައީމާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާވޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ބައިވެރިވެލެއްވިއެވެ.

މި ޕްރޮގްރާމްގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ 08 އިންވެސްޓިގޭޝަން އޮފިސަރުންނާއި ޑަރިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ 02 އިންޓެލިޖެންސް އެނަލިސްޓުން ބައިވެރިވެ ކާމިޔާބުކަމާއެކު ތަމްރީން ފުރިހަމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް