ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި އެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކުގައި ޕީޕިއެމްގެ ޓީމްތަކާއި އެކު އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މިނިސްޓްރީގެ ފަރާތުން އިންތިހާބުގެ ކަންކަމުގައި ދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ވިދާޅުވި އެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ދިނުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމާ އެކު އެމަނިކުފާނަކީ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅާ ކަމަށް ޕީޕީއެމްއިން ވަނީ ކަނޑައަޅާފައި އެވެ. ޑރ ޝަހީމް ވިދާޅުވެފައިވަނީ ވަރަށް އަވަހަށް އަތޮޅުތަކަށްވެސް ކެމްޕެއިނަށް ފުރާވަޑައިގެންނަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް