އުރީދޫ އާއި ޔޫ.އެން.ޑީ.ޕީ އިން ތިންވަނަ މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ބާއްވައިފި

އުރީދޫ އާއި އުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން، "މިޔަހެލި" ސޯޝަލް އިނޮވޭޝަން ކޭމްޕް ޖުލައި 5 އިން ޖުލައި 8 ގެ ނިޔަލަށް، ވ.ތިނަދޫ ގައި ކުރިއަށް ގެންގޮސްފި...

12 Jul 2018 | 10:39

އުރީދޫ އާއި އުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން، "މިޔަހެލި" ސޯޝަލް އިނޮވޭޝަން ކޭމްޕް ޖުލައި 5 އިން ޖުލައި 8 ގެ ނިޔަލަށް، ވ.ތިނަދޫ ގައި ކުރިއަށް ގެންގޮސްފިއެވެ. މިއީ، މި ޕާޓްނަރޝިޕްގެ ދަށުން، 2016 އިން ފެށިގެން މިޔަހެލި ބޭއްވިގެންދިޔަ ތިން ވަނަ ފަހަރެވެ.

މިޔަހެލި އަކީ ޒުވާނުންގެ ޚިޔާލުތައް އެއްތަނަކަށް ގެނެސްދީގެން، ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރާ، ތިން ދުވަހުގެ ކޭމްޕް އެކެވެ.

"މުޖުތަމައު އަށް ހެޔޮ ބަދަލުތަށް ގެނެސްދިނުމުގައި، ދިވެހި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ. ވިސްނުންތޫނު އަދި ގާބިލް ބަޔަކަށް ވެފައި، ކުރިން ހިތަށްއަރުވާފައިވެސް ނުވާފަދަ ތަފާތު ޙައްލުތަކެއް ވުޖޫދަށް ގެނައުމުގެ ކުޅަދާނަކަން ޒުވާނުންނަށް ލިބިފައިވޭ." ޔޫ.އެންގެ ރެސިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެސެންޓިވް ޝޯކޯ ނޯޑާ ވިދާޅުވިއެވެ. ތަފާތު ޒުވާން ކުދިން އެއްތަން ކޮށްގެން، މި ކޭމްޕުގެ މަޤްސަދަކީ ހިތުގައި އޮންނަ ޚިޔާލެއް އިތުރަށް ފުރިހަމަކޮށް، އެ ޚިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ނަގަންޖެހޭ އެކި އެކި ފިޔަވަޅުތައް އުނގަންނައިދީ، އެކަން ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް އަކީ، މުޖުތަމައުގެ މަންފާ އަށް މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް، ވަރަށް ފައިދާހުރި ޕްލެޓްފޯމް އެއް. ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި އެކު ޕާޓްނަރ ވެގެން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އާންމު ދިރިއުޅުމުގައި ދިމާވާ އެކި މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް ޒުވާނުން ބާރުވެރިކުރުމުގެ އަމާޒުގައި. މިފަހަރުގެ ކޭމްޕުގައިވެސް ވަރަށް އުފެއްދުންތެރި ޚިޔާލުތަކެއް ފެނިފައިވޭ، އަދި މުޖުތަމައު އާއި ހަމައަށް މި އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ދޭނަން." އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

މިއަހަރުގެ މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ހުޅުވާލެވިފައިވަނީ، 18-30 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މިއަހަރުގެ ތީމެޓިކް އޭރިއާ ތަކުގެ ތެރޭގައި، ސުލްހަވެރި މުޖުތަމައުއެއް ބިނާކުރުން، މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުން، އައު ޓެކްނޮލޮޖީތަކުގެ އެހީގައި ކާމިޔާބު ވިޔަފާރިތައް ފެށުން، ޒުވާނުންގެ ހަރަކާތްތައް ނުވަތަ ޔޫތް މޫވްމަންޓްސް ބިނާކުރުން، އަދި ތިމާވެށި ރައްކައުތެރިކުރުމަށް އީޖާދީ ހައްލުތައް ހޯދުން ހިމެނެއެވެ.

ޖުލައި 5 ގައި ފެށިގެން ދިޔަ ކޭމްޕުގައި، ޚިޔާލުތައް އިތުރަށް ބިނާކުރުން، ކަސްޓަމަރ ވެލިޑޭޝަން ކުރިއަށްގެންދިއުމުގެ އިތުރުން ޕްރޮޑަކްޓް ޕްރޮޓޯޓައިޕް ހެދުން ހިމެނެއެވެ. މިޔަހެލީގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ޚިޔާލުތަކުގެ ތެރެއިން ހޮވިފައިވަނީ، ހަތަރު ޓީމެވެ. މީގެ ތެރޭގައި ބޭނުންކޮށްފައިވާ ތަކެތި ޑިޖިޓަލް ޕްލެޓްފޯމެއްގެ ޒަރީޢާއިން ވިއްކާ އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ވަސީލަތެއް އުފެއްދުން، އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާމެހި ދެނެގަތުމުގެ ޕްލެޓްފޯމެއް ހެދުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް އޮންލައިންކޮށް އެހީތެރިވެދޭނެ ސިސްޓަމެއް ޤާއިމްކުރުން އަދި ރާއްޖޭގައި 'ސީ ސޯލްޓް"ގެ ތަފާތު ޕްރޮޑަކްޓު އުފައްދައި ތައްޔާރުކޮށް އެކްސްޕޯރޓް ކުރުމަށް ހުށަހެޅި ޚިޔާލު ހިމެނެއެވެ.

ކޭމްޕުގެ ފައިނަލް ޕިޗް އަށްފަހު ދެ ޓީމެއްގެ ޚިޔާލު ހަގީގަތަކަށް ހެދުމުގައި އެހީތެރިވުމަށް، އުރީދޫ އަދި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ވަނީ 3000 ޑޮލަރުގެ ސީޑް ފަންޑިންގ، އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން މެންޓަރޝިޕް އަދި ޓްރެއިނިންގެ ފުރުސަތު ލިބިފައެވެ. މޮޅުވި ދެ ޚިޔާލަކީ ރާއްޖޭގައި 'ސީ ސޯލްޓް"ގެ ތަފާތު ޕްރޮޑަކްޓު އުފައްދައި ތައްޔާރުކޮށް އެކްސްޕޯރޓް ކުރުމަށް އަދި ބޭނުންކޮށްފައިވާ ތަކެތި ޑިޖިޓަލް ޕްލެޓްފޯމެއްގެ މެދުވެރިކޮށް އެހެން މީހުންނަށް ފޯރުކޮށްދިނުމަށް ހުށަހެޅި ދެ ޚިޔާލެވެ.

އިޤްތިސާދީގޮތުން ޒުވާން ކުދިން ބާރުވެރި ކުރުމަކީ، ޔޫ.އެން.ޑީ.ޕީ އަދި އުރީދޫ އިންވެސް ހާއްސަ އިސްކަމެއްދޭ ކަމަކަށްވެފައި، މިކަމަށްޓަކައި ދެކުންފުނިންވެސް ދަނީ އެކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި މިޔަހެލި، ނިރު އެކްސްލެރޭޓަރ ޕްރޮގްރާމް، އަދި އެޗްޑީސީ އާއި އެކު ކުރިއަށްގެންދަމުންދާ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ހިމެނެއެވެ.

ޔޫ.އެން.ޑީ.ޕީގެ ފަރާތުން، މިޔަހެލި ކުރިއަށްގެންގޮސްފައިވަނީ އޮސްޓްރޭލިއަން ސަރުކާރުގެ އެހީގައި ކުރިއަށްދާ ގަވަނަންސް ޕްރޮގްރާމްގެ ދަށުންނެވެ. އޮސްޓްރޭލިއަން އެއިޑް ޕްރޮގްރާމް އިން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިސޯދީ ކުރިއެރުންގެނައުމަށް އަދި ފަގީރުކަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުމަށް ތަފާތު އުފެއްދުންތެރި ޕްރޮގްރާމުތަކަށް އިންވެސްޓްކޮށް، އެހީތެރިވަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް