ހޮހޮޅައިން ކުދިން ސަލާމަތްކުރި ގޮތުގެ ވީޑިއޯ ތައި ނޭވީން އާންމުކޮށްފި

ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި، ޖޫނިއަރ ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ އެސިސްޓެންޓް ކޯޗު ސަލާމަތް ކުރުމަށް މި ހަފްތާގެ ތެރޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ މުޅި ދުނިޔެ އެކަމެއްގެ ސަ...

12 Jul 2018 | 09:40

ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި، ޖޫނިއަރ ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ އެސިސްޓެންޓް ކޯޗު ސަލާމަތް ކުރުމަށް މި ހަފްތާގެ ތެރޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ މުޅި ދުނިޔެ އެކަމެއްގެ ސަމާލުކަށް ގެނުވި ކަމެކެވެ.

އެންމެ ފުރަތަމަ ދުވަހު ހަތަރު ކުދިން އަދި ދެވަނަ ދުވަހު ހަތަރު ކުދިން އަދި ތިންވަނަ ދުވަހު ހަތަރު ކުދިންނާއި ކޯޗު ސަލާމަތްކޮށް ކާމިޔާބި ކަމާއެކު އޮޕަރޭޝަން ނިންމާލުމުން މުޅި ދުނިޔެ ވަނީ އެ އުފަލުގައި ބައިވެރި ވެފައި އެވެ.

އެ އޮޕަރޭޝަން ކުރިއށްގެންދިޔަ އިރުވެސް އަދި އޮޕަރޭޝަން ނިންމާލި ފަހުންވެސް މައުލޫމާތު ލިބިފައި އޮތީ އެ ކުދިން ނެރުނީ ޑައިވް ކުރަން ދަސްކޮށްދީގެން ކަމެވެ. ނަމަވެސް ތައި ނޭވީ ސީލުން އެ މީހުންގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ދައްކުވައިދޭގޮތުގައި ގިނަ ކުދިން ހޮހޮޅައިން ސަލާމަތް ކުރީ ޑައިވް އިކުއިޕްމެންޓް ބޭނުންކޮށްގެން އެ ކުދިން ސްޓްރެޗަރަށް ލައިގެންނެވެ.

އެކުދިން ބޭނުންކޮށްފައިވަނީ މޫނު ފޮރުވޭ ކަހަލަ މާސްކެވެ. އެކުދިން ނެރުނީ ސްޓްރެޗަރ ގައި ރަނގަޅަށް އެކުދިން ހަރުކޮށްގެންނެވެ.

އެ ކުދިން ނެރުމުގެ ކުރިން "އެންޓި އެންޒައިޓީ" ބޭސް އެކުދިންނަށް ދިން ކަމަށާއި އަދި އެއް ޑައިވަރު އަތުން އަނެއް ޑައިވަރު އަތަށް ސްޓްރެޗަރުގައި ބަދަލުކުރަމުންދިޔައިރު ބައެއް ފަހަރު އެކުދިން ނިދި ކަމަށްވެސް ބުނެފައި ވެއެވެ.

https://www.youtube.com/watch?v=8R_m9ZAYk-w

އޭއެފްޕީއަށް މައުލޫމާތު ދެމުން އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ކޮމާންޑަރު ޗަޔަންތާ ޕީރަނަރޮންގ ބުނެފައިވަނީ ބައެއް ކުދިން އެ އޮޕަރޭޝަން ކުރިއަށްދިޔަ އިރު ނިދި ކަމަށާއި އަދި ބައެއް ކުދިން ނުނިދާ ކަމަށެވެ. އަދި އެ ކުދިން ނޭވާލާތޯ ކަށަވަރު ކުރަމުން ދިޔަ ކަމަށެވެ. އަދި އެކި ސަރަހައްދުތަކުގައި ޑަކުޓަރުން ތިބި ކަމަށްވެސް ބުނެފައި ވެ އެވެ.

އެ ވީޑިއޯގައި އެކުދިން ފެނުގެ އަޑިން ގެންދިޔަ ގޮތް ދައްކާފައި ނުވި ނަމަވެސް ބައެއް މީޑިއާތަކުން، އެ އޮޕަރޭޝަންގައި ބައިވެރިވި ޑައިވަރުންނާއި ހަވާލާދީ ބުނެފައިވާގޮތުގައި ފެނުގެ އަޑިންވެސް އެ ކުދިން ގެންދިޔައީ ސްޓްރެޗަރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް