އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލި ހު (އިބޫ) ކެމްޕެއިންގެ ފުރަތަމަ ދަތުރުގައި މާދަމާ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.
އިބޫ އައްޑު ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. އެމްޑީޕީން ބުނީ މި ދަތުރުގައި އެ ސިޓީގައި ހަރަކާތްތެރިވަމުންދާ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރުމުގެ އިތުރުން ހުރިހާ އަވަށެއްގައި އިބޫ ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާނެ ކަމަށެވެ.
ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު އެވެ. އެ ހަރަކާތް އެއްކޮށް ނިމުމުން ކެމްޕެއިން ހަރަކާތް ދެން ކުރިޔަށް ގެންދިއުމަށް އެމްޑީޕީގެ ޓީމުން ދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ އަށެވެ. އެ ސިޓީގައިވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރާނެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިބޫ ހަމަޖެއްސުމާއި އެކު އެޕާޓިން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ކޮށްފަ އެވެ. އެމްޑީޕީން ބުނީ އެއީ އަދި މާލޭގައި ރަސްމީކޮށް ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދިޔައީ ނޫން ކަމަށެވެ.
އިބޫގެ ރަނިންމޭޓަކު ކަނޑައެޅުމަށް ފުރުސަތު ދީފައިވަނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީން ރަނިން މޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މާދަމާ ރޭ އޮންނާނެ އެވެ.
އެމްޑީޕީން ބުނިގޮތުގައި ރަނިން މޭޓަކު ކަނޑައެޅުމުން، އިދިކޮޅު ކޯލިޝަން އެކުގައި ކެމްޕޭން ދަތުރުތައް ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް