ނަޝީދަށް އިންޒާރު ދިނީ ލަމްއާންގެ އެކައުންޓު ހެކް ކޮށްގެން!

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދީ ޓުވީޓު ކުރީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ ޓްވިޓާ އެކައުންޓު ހެކް ކޮށްގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ....

12 Jul 2018 | 07:07

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދީ ޓުވީޓު ކުރީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ ޓްވިޓާ އެކައުންޓު ހެކް ކޮށްގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ނަޝީދު މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓުވީޓަކަށް ޖަވާބު ދިނުމުގެ ގޮތުން ލަމްއާންގެ އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ނަޝީދު އަވަހާރަކޮށްލުމަށް މުސްލިމް އުއްމަތަށާއި ކަމާ ބެހޭ އިދާރާތަކަށް ގޮވައިލާ ކަމަށެވެ. އެއީ މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވާތީ ކަމަށެވެ.

ފެނަކަ އިން އިއްޔެ ކުއްލިގޮތަކަށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަމްއާންގެ އެ ކައުންޓުން އެ ޓުވީޓުކޮށްފައިވަނީ ހެކްކޮށްގެން ކަމަށެވެ. އަދި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

ބަނޔާން ނެރުނުތާ އެއްދުވަސް ފަހުން މިއަދު ލަމްއާންގެ ޓުވީޓާ އެކައުންޓު އޭނާއަށް އަނބުރާ ލިބިފައިވާ ކަމަށް އޭނާ ވަނީ އެ އެކައުންޓުން ޓުވީޓު ކުރައްވާފަ އެވެ. އަދި އިބާ ކްރައިމްގެ ކަންކަން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައިވެ އެވެ.

މިހާދިސާ ހިނގާފައި މިވަނީ ރައީސް ޔާމީނަށް ޓުވީޓާގައި އިންޒާރުދިން މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާ އޭނާގެ ހުރިހާ އިލެކްޓްރޯނިކް ސާމާނެއް އަތުލާފައިވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ބަލަން ފެށީ އެ ޓުވީޓު ކުރީ އެކައުންޓު ހެކް ކޮށްގެން ކަމަށް ބުނެފައި ވަނިކޮށެވެ.

އެމީހާގެ އެކައުންޓުން ކުރި ޓުވީޓުގައި ބުނެފައިވަނީ އިދިކޮޅު ސިޔާސީ ހައްޔަރީން ދޫނުކޮށްލާ ރައީސް ޔާމީން ވޯޓު ހޯދަން އެގޭ ދޮރުގައި ޓަކިޖަހައިފި ނަމަ ރައީސް ޔާމީންގެ ބޮލުގައި ޓަޖި ޖަހާނެ ކަމަށެވެ.

އިދިކޮޅު މީހުން ކޮށްފައިވާ ޓްވީޓުތަކާ ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ އެތައް ބައެއްގެ ފޯންތައް އަތުލައި އެ މައްސަލަތައް ތަހުގީގްކޮށްފަ އެވެ. އަދި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެސް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް