ރާއްޖޭގެ އާބާދީ މިހާރު އިތުރުވަމުންދާ ރޭޓަށް ބަލާއިރު މީގެ 40 އަހަރު ފަހުން މިލިއަނަކަށް އަރާނެ ކަމަށް ރާއްޖޭގެ އާބާދީ އާއި ގުޅޭ ރިޕޯޓުގައި ބުނެފި އެވެ.
މި ރިޕޯޓު ނެރެފައިވަނީ އިއްޔެ ފާހަގަ ކުރި ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައިގެން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އާއި ޔޫއެންއެފްޕީއޭ އިންނެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަހަރުން އަހަރަށް ރާއްޖޭގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އާބާދީ އިތުރުވަނީ މީހުންގެ އުމުރު ދިގުވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރު ވާތީ އެވެ.
އޭގައި ބުނެފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވިޔަސް ކުޑަކުދިންގެ އާބާދީ 2030 ވަނަ އަހަރުން ފެށިގެން ދާނީ ދަށަށެވެ. އެގޮތުން މީގެ 40 އަހަރު ފަހުން ކުޑަކުދިންގެ އާބާދީ 21 ޕަސެންޓުން 11 ޕަސެންޓަށް ދަށް ވާނެ ކަމަށް ލަފާ ކުރެވެ އެވެ.
އެކަމަކު ކުޑަކުދިންގެ އާބާދީ ދަށަށް ދާންފަށާނީ 2030 ވަނަ އަހަރާއި ހަމައަށް 17 ޕަސެންޓަށް އެރުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ އާބާދީގެ 38 ޕަސެންޓު މިހާރު ދިރިއުޅެނީ މާލޭގައި އެވެ. އެއީ 153،379 މީހުންނެވެ. އަދި މާލޭގައި ދިއިރުޅޭ މީހުންގެ އަދަދު 2054 ވަނަ އަހަރު 54 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ ހިޖުރަކުރާ މީހުންގެ ނިސްބަތާއި ދަރިން ހޯދާ ނިސްބަތް އިތުރު ވާނެތީ އެވެ. މި ބަދަލާ އެކު، މިހާރު ރާއްޖޭގައި އެންމެ ބައިގިނަ އަތޮޅުތަކުގެ އާބާދީ، ތިން ބައި ކުޅަ އެއްބަޔަށް މަދުވާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
މިހާރު ރާއްޖޭގެ އާބާދީ އަކީ 340،000 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް