އިނގިރޭސީންގެ އުންމީދު ފެނަށް. ކްރޮއޭޝިއާ އަލަތު ފައިނަލަށް

ޒަމާންތަކަކަށް ފަހު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުމަށް އިންގްލެންޑުން ކުރަމުން އައި އުންމީދުތައް ނާކާމިޔާބު ކޮށްލައި، ކްރޮއޭޝިއާ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ. މިރ...

11 Jul 2018 | 20:51

ޒަމާންތަކަކަށް ފަހު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުމަށް އިންގްލެންޑުން ކުރަމުން އައި އުންމީދުތައް ނާކާމިޔާބު ކޮށްލައި، ކްރޮއޭޝިއާ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭގެ ސެމީ ފައިނަލް މެޗުން ކްރޮއޭޝިއާ އިންގްލެންޑުގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރާ 2-1 އިން މޮޅު ވެގެންނެވެ. ކްރޮއޭޝިއާ ފައިނަލްގައި ވާދަކުރަން ޖެހޭނީ ފްރާންސް އާއެވެ.

މިރޭގެ މެޗު އިންގްލެންޑުން ފެށީ ހުވަފެނީ ފެށުމަކުންނެވެ. މެޗުގެ ކުރީ ކޮޅު، 5 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ޓްރިޕިއާ ޖަހައިދިން ލަނޑުން ލީޑު ނަގާފައެވެ. މިއީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޓްރިޕިއާ ކާމިޔާބު ކޮށްދިން ހިތްގައިމު ރީތި ލަނޑެކެވެ.

ލަނޑަށް ފަހު ވެސް ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އިންގްލެންޑުންނެވެ. އެހެނަސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ފުރަތަމަ ހާފާ ޚިލާފަށް ކްރޮއޭޝިއާއިން ދެ ވަނަ ހާފުގައި ވަރަށް ބޮޑުތަން ކުޅުން ރަނގަޅު ކުރިއެވެ. ނަތީޖާއަކަށްވީ ގިނަ ހަމަލާތަކެއް އެ ޓީމުން އުފެއްދިއިރު، އިންގްލެންޑުގެ ކުޅުން ގެއްލުމެވެ.

ކްރޮއޭޝިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 68 ވަނަ މިނިޓުގައި އިވާން ޕެރިސިޗް އެވެ. މިއީ ވޯކާ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ލަނޑަށް ފަހު ވެސް ޕެރިސިޗްއަށް ނަތީޖާ އަނބުރާލަން ރަނުގެ ފުރުސަތެއް ލިބުނުއިރު، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު، އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޕެރިސިޗް ދިން ބޯޅައަކުން ލަނޑު ޖަހައި، މަންޑޫސްކިޗް ކްރޮއޭޝިއާއަށް ލީޑު ނަގައިދިނެވެ.

ކްރޮއޭޝިއާއިން ލީޑު ނެގުމަށްފަހު ވެސް އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކުރުމަށް މާކަ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް