ރައްޔިތުން އިންތިހާބުކޮށްފައި ތިއްބެވި މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވާ އިތުރު އާ ކަމެއް މިވަގުތު އުފަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކުއްޓި ނަޝީދު) ވިދާޅުވެއްޖެ އެވެ.
ކުއްޓި މިހެން ވިދާޅުވެފައި މިވަނީ ޕާޓީ ބަދަލުކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ކަނޑައަޅައި ދިނުމަށް ބަންޑާރަ ނައިބު އަހުމަދު އަނިލް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދުމާއި ގުޅިގެންނެވެ.
ހަލަބޮލިވެފައިވާ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހަމަހިމޭނުން ހުންނެވުމަށް ފަހު ކުއްޓި އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުުމެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ދައުރުގެ މެދުތެރެއިން ވޯޓެއްގެ ނޯޓިސް ފޮނުވާފައި ވަނިކޮށް މެންބަރުންގެ ގޮނޑި ގެއްލޭނެ ފަދަ ގޮތަކަށް ކަނޑައަޅައި ދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅޭނެ ކަމަށް ހަމަ އެއްގޮތަކަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކުއްޓި ވިދާޅުވީ ގޮނޑި ގެއްލޭ ސަބަބުތައް ބަދަލު ކުރާނަމަ ކުރަން ޖެހޭނީ އާ ދައުރަކާއި ދިމާކޮށް ކަމަށާއި ދައުރުގެ މެދުުތެރެއިން ގާނޫނަށް ބަދަލު ގެންނަ ނަމަ އެ މެންބަރަކު އެ މަގާމުގައި ހުންނަން ފެނޭތޯ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގެންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މެޗު ކުޅެމުންދަނިކޮށް ގަވައިދު ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް އަމުދުން ނުދެކޭކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ވުމަށްފަހު، އެ ޕާޓީ ދޫކޮށްލުމަށް މެދުވެރިވާ ސަބަބުތަކެއް ހުންނަކަން ފާހަގަކުރައްވާފައި އެވެ. އެގޮތުން ސިޔާސީ ޕާޓީގެ ވިސްނުމާއި ފިކުރު ބަދަލުވެ ދާއިރާގެ ރައްޔިތުންނަށް ކަމެއް ނުކޮށްދެވުން، ޕާޓީ އާއި ގުޅުނު އިރު ގައުމު އޮތް ހާލަތު ނޫން ހާލަތަކަށް ގައުމު ގެންދަން އުުޅުން، އެ ޕާޓީއަކާއި މެދު ރައްޔިތުން ނުރުހުން އަދި އަލުން އެ ދާއިރާއަށް ކުރިމަތިލާން ވިސްނާއިރު ނިސްބަތްވާ ޕާޓީގެ ތާއީދު އެ ދާއިރާގައި ނެތުން ފަދަ ކަންކަން ފާހަގަ ކޮށްފައިވެ އެވެ.
އިތުރަށް ވިދާޅުވީ ކޮންމެ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހަށް ހޮވުނުނަމަވެސް، މިހާތަނަށް ރައްޔިތުންނަށް ވިސްނިފައި އޮންނަނީ، މެންބަރުން އިންތިހާބުކޮށް މަޖިލިހަށް ފޮނުވަނީ، ވަކި ސިޔާސީ ޕާޓީއެއް ތަމްސީލުކުރަން ނޫންކަމަށާއި، އެ އިންތިހާބީ ދާއިރާއެއްގެ ރައްޔިތުން ތަމްސީލުކުރުމަށް ކަމަށް ކަމަށެވެ.
ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ ކުއްޓި ލިޔުއްވި އިރު އޭނާ ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި އެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދިނުމަށް ޕީޕީއެމް ތެރެއިން މެންބަރުން ތަކެއް ސޮއިކޮށްފައި ވަނިކޮށެވެ.
އެކަމަކު އެ ހުރިހާ މެންބަރުން ވަނީ ކޯޓަށް މި މައްސަލަ ހުށަހެޅުމުން އެ ދުވަހު ޕާޓީން ވަކިވެވަޑައިގެންފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް