ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ އާބާދީގެ ދުވަހަކީ އިއްޔެ އެވެ.
ފަސް ބިލިއަން ދުވަހުގެ ނަމުގައި ފަހާގަކުރާ އެ ދުވަސް ފާހަގަކުރަން އ.ދ ގެ ޑިވެލޮޕްމެންޓް ޕްރޮގުރާމް ގަވާނިން ކައުންސިލުން ނިންމީ ދުނިޔޭގެ އާބާދީ ފަސް މިލިއަނަށް އެރުމުން މީހުން ހޭލުންތެރިކުރުމުގެ ގޮތުންނެވެ.
އ.ދ ގެ ތަފާސް ހިސާބު ދައްކާގޮތުން ކޮންމެ 14 މަހަކުން ދުނިޔޭގެ އާބާދީއަށް 100 މިލިއަން މީހުން އިތުރުވެ އެވެ. ދުނިޔޭގެ މިހާރުގެ ޖުމުލަ އާބާދީ އުޅެނީ ހަތް ބިލިއަނަށްވުރެ މަތީގަ އެވެ.
ދުނިޔޭގެ އާބާދީ މިހާ މަތީގައި އުޅޭއިރު، ދުނިޔޭގައި އެކި އާއިލާތަކުގެ މެމްބަރުންގެ އަދަދުވެސް ހީ ނުކުރާހާ މަތީގައި އުޅޭ ޢާއިލާތައް އެބަ ތިއްބެވެ. އެގޮތުން މި ބަލާލަނީ ދުނިޔޭގެ އެންމެ ބޮޑު ފަސް ޢާއިލާއަށެވެ.
1) އަލްބީނާ ޢާއިލާ
ލިއޮނިތާ ޖުދިތް އަލްބީނާ އެސްޕިނޯޒާ އަކީ ޗިލީއަށް އުފަން މީހެކެވެ. އޭނާ ވަނީ އެންމެ ގިނަ ދަރިން ހޯދައިގެން ދުނިޔޭގެ ރެކޯޑު ފޮތް، ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑްސްއަށްވެސް 1983 ވަނަ އަހަރު އަރާފަ އެވެ. އޭނާ ޖުމްލަ 53 ކުދިން ވިހި އެވެ. އަލްބީނާ މީހަކާއި އިނީ 1946 ވަނަ އަހަރު އެވެ. އިނދެގެން 53 ކުދިން އަލްބީނާ ވިހޭއިރު، އޭނާވަނީ އެންމާބަނޑު ތިން ދަރިން ފަސް ފަހަރު ވިހާފަ އެވެ.
ނަމަވެސް 1980 ވަނަ އަހަރާއި ހަމައަށް ދިޔައިރު ދުނިޔޭގައި ތިބީ އަލްބީނާގެ 40 ކުދިން އެވެ. އެއީ 24 ފިރިހެން ކުދިންނާއި، 16 އަންހެން ކުދިންނެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ކުދިންގެ ތެރެއިން 18 ކުއްޖަކު އަދިވެސް ދިރިއުޅެމުންދަނީ ޢާއިލާއާއެކު ނަމަވެސް ބާކީ ތިބި ކުދިން ދިރިއުޅެމުންދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަކިންނެވެ.
2) ވަސިލޭވެ ޢާއިލާ
މިއީ ރަޝިއާގެ ޢާއިލާއެކެވެ. ފިއޯދޮރް ވަސިލޭވެގެ އަންހެނުންވަނީ 69 ކުދިން ވިހާފަ އެވެ. އެއީ އެންމާބަނޑު ދެކުދިން 16 ފަހަރާއި، އެންމާބަނޑު ތިން ކުދިން ހަތް ފަހަރުއާއި، އެއްމާބަނޑު ހަތަރު ކުދިން ހަތަރު ފަހަރު އެވެ. މިއީ އަދި ހަމައެކަނި ފިއޯދޮރްގެ ފުރަތަމަ އަންހެނުންގެ ކުދިންގެ އަދަދު އެކަންޏެވެ.
ފިއޯދޮރްގެ ދެވަނަ އަނބިމީހާއަށް 18 ކުދިން ލިބުނެވެ. ޖުމުލަ 87 ދަރިން ފިއޯދޮރްއަށް ލިބިފައިވެ އެވެ.
3) ޒިއޯނާ ޗާނާ ޢާއިލާ
އެއް ގެއެއްގައި 100 ނިދާ ކޮޓަރި ހުންނަ ވާހަކަ އަޑުއެހިންތަ؟ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ޤައުމެއްކަމަށްވާ މިޒޮރަމްއަށް އުފަން ޒިއޯނާ ޗާނާގެ 100 ނިދާ ކޮޓަރީގެ ގެއެއް ހުރެ އެވެ. އެއީ އޭނާގެ 39 އަނބިންނާއި، 94 ދަރިންނާއި، 33 ކާފަދަރިން ތިބުމަށް ހަދާފައިވާ ގެ އެކެވެ.
އެއް އަހަރު ތެރޭގައި އޭނާވަނީ 10 މީހުނާއި ކައިވެނިކޮށްފަ އެވެ.
4) ގްރީންހިލް ޢާއިލާ
އެލިޒަބަތް ގްރީންހިލްއާއި ވިލިއަމްސްއަށް 39 ކުދިން ލިބުނެވެ. އެއީ 32 އަންހެން ކުދިންނާއި، ހަތް ފިރިހެން ކުދިންނެވެ. އެއްބާނޑު ދެކުދިން ވިހެއި އެއްފަހަރު އެވެ. ދެން ތިބި ހުރިހާ ކުދިން ވިހެއީ ފަހަރަކު ކުއްޖެއް ވަކިންނެވެ.
ދުނިޔޭގެ ބޮޑު ޢާއިލާތަކުގެ ތެރޭގައި މި ޢާއިލާ ހިމެނުނީ އެންމެ ގިނައިން ކުދިން ވިހޭ ޢާއިލާތަކުގެ ދެމެދަށް ބަލާއިރު މި ޢާއިލާއިން ގިނަ ކުދިން ވިހޭއިރު މަރުނުވެ އޮތުމުންނެވެ.
5) ދާދް މުހައްމަދު އަލް ބަލުޝީގެ ޢާއިލާ
ދާދް ވަނީ ޖުމުލަ 17 މީހުނާއި ކައިވެނިކޮށްފައި އެވެ. ދާދްއަށް ލިބުނު ކުދިންގެ ޖުމުލަ އަދަދު ޔަޤީންނުވި ނަމަވެސް އޭނާއަށްވަނީ 100 އަށްވުރެ ގިނަ ކުދިން ލިބިފަ އެވެ.
މިހާރު 60ގެ އަހަރުތަކުގައި އުޅޭ ދާދް ވަނީ އޭނާގެ ހުރިހާ އަނބިންނާއި ދަރިންނަށް އަރާމުގައި ދިރިއުޅެވޭނެ ގޮތް ހަދާދީފަ އެވެ. އަދި ދާދްގެ ޢާއިލާއަކީ ދުނިޔޭގެ މީޑިއާގެ މެދުގައި މަޤުބޫލު ޢާއިލާއެއްވެސްމެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް