ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއް ފަށައިފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ) ގެ އެއްބާރުލުމާއެކު ފެށި މި ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ، ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ކެންޕެއިންއަކީ ރާއްޖެއަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އައުމަށް ޝައުގުވެރިކުރުމުގެ ގޮތުން ތަފާތު ކަންކަން ހިންގުމަށް ފެއްޓެވި ކެމްޕެއިނެކެވެ. މި ކެމްޕެއިންގައި ބައިވެރިވާ ރިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް ތަފާތު ޑިސްކައުންޓުތަކާއި ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރުމުގެ އެކި ކަހަލަ ފުރުސަތު ލިބިގެންދާނެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލޭ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެމެރިކަން އެކްސްޕްރެސްއާއެކު އެއްބަސްވެވުމުން އުފާވާކަމަށާއި، މިއީ ބައިނަލްއަޤުވާ ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސް ބޭންކިންގ ކޯޕަރޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަދި ސީއީއޯ މަނޯޖް އަދްލަޚާ ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަމަށާއި، ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއާއި މަޓީއާއެކު މި ކެމްޕެއިން ކުރިއަށް ގެންދަން އެއްބަސްވެވުމުން އުފާކުރާ ކަމަށެވެ.
އަދްޚާލް ވިދާޅުވީ، އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް އެ ކާޑުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެގޮތް ހެދުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާކަމަށާއި، މި ކެންޕޭނާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އެމެރިކަން އެކްސްޕްރެސް ކާޑުގެ ޚިދުމަތް ހޯދާ ޚާއްޞަ ކުލައިންޓުގެ މެދުގައި ރާއްޖެ މަޤުބޫލުވެގެންދާނެކަމަށެވެ.
ބީއެމްއެލް އިން މަޢުލޫމާތުދޭ ގޮތުގައި މި ކެމްޕެއިންގައި ރާއްޖޭގެ 20 ރިސޯޓަކުން މިހާރު ބައިވެރިވެފައިވާކަމަށާއި، އިތުރު ރިސޯޓުތަކުންވެސް ކެމްޕެއިންގައި ބައިވެރިވަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް