އަދީބަށް ބޭރަށް ވަޑައިގެންނެވޭނީ ދައުލަތުން ނެގި ފައިސާ ދައްކާފައި: ރައީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވޭނީ ދައުލަތުން ނެގި ފައިސާ ދެއްކުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ޕީޕީއެމް އޮފީހުގައި މިރޭ ނޫސް...

11 Jul 2017 | 19:34

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވޭނީ ދައުލަތުން ނެގި ފައިސާ ދެއްކުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އަދީބު ބޭސްވަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ބޭނުންފުޅުނަމަ އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެކަމަކު އޭގެ ކުރިން ދައުލަތުން ނެންގެފި ފައިސާ އޭސީސީ މެދުވެރިކޮށް ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ދައުލަތުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ވެސް އަދީބަށް ދީފައިވާނެ ކަމަށެވެ.

"އަހުމަދު އަދީބު ބޭހަށް ބޭރަށް ވަޑައިގަންނަވަންވީ އެއަކަށް ހުރަހެއް ނެތް. އެކަމު އޭގެ ކުރިން ދައުލަތުން މި ނެގި ފައިސާ ދައުލަތަށް ދައްކަވާ. ދައުލަތުން ނެގި ފައިސާ ދައުލަތަށް ދައްކަވާފައި އޭސީސީ މެދުވެރިކުރަށްވައި އެ ފައިސާ ދައުލަތުން ރިކަވާ ކުރެއްވުމަށްފަހު ދެން އަހުމަދު އަދީބު ބޭރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް އާއި ރައީސް ޔާމީން ދޫކުރައްވާ ވަޑައިގެންނެވި މެންބަރުން އެމަނިކުފާނަށް އަމާޒުކުރައްވާ އެންމެ ބޮޑު ސުވާލަކީ އެއީ ކަމަށެވެ. އަދި މިގޮތަށް ކުރިންވެސް ޖަވާބުދެއްވާފައިވާނެ ކަމަށާއި ދައުލަތަށް އަދީބު ދައްކަވަންޖެހޭ ފައިސާ ދެއްކުމުގެ ކުރިޔަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ތަފާތު ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ “ގްލޮކޮމާ” އެމަނިކުފާނަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް