ކުށް މަދުކުރުމަށްޓަކައި ކަނޑުހުޅުދޫގައި ޕްރޮގްރާމްތަކެއް ހިންގައިފި

ގއ. ކަނޑުހުޅުދޫ ގައި ކުށް މަދުކުރުމަށްޓަކައި އެރަށުގެ ފުލުހުން އިސްނަގައިގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތަކުގެ ތެރެއިން މިމަހު...

12 Jun 2019 | 08:57

ގއ. ކަނޑުހުޅުދޫ ގައި ކުށް މަދުކުރުމަށްޓަކައި އެރަށުގެ ފުލުހުން އިސްނަގައިގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތަކުގެ ތެރެއިން މިމަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ކަނޑުހުޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރުން ހުއްޓުވުމަށްޓަކައި އެރަށުގައި ދަތުރުކުރާ ޑިންގީތަކާއި ލޯންޗުތަކުގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. ފުލުހުން ވިދާޅުވީ، މި ބައްދަލުވުމުގައި، މަސްތުވާތަކެތި ބޭނުންކުރާ ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ މީހަކު ޑިންގީގައި ނުވަތަ ލޯންޗެއްގައި ދަތުރެއްކުރަން އެދެފިނަމަ ލަސްނުކޮށް އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް އިލްތިމާސްކޮށްފައި ވާކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި، މަސްތުވާތަކެއްޗާއި ގުޅުންހުރި ކަމެއްގައި ކުރާ ދަތުރެއްކަން އުޅަނދުގެ ވެރިފަރާތަށް ޔަޤީންވެއްޖެ ހާލަތެއްގައި އެފަދަ ދަތުރުތަކަށް އުޅަނދު ނުދިނުމާއި، އަދި މަސްތުވާތަކެއްޗާއި ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް އެކަން އެންގުމަށް އުޅަނދުގެ ވެރިން ވަނީ އެއްބަސްވެފައެވެ. މި ބައްދަލުވުމުގައި އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ބާރުއަޅައި ރަޖިސްޓްރީ ނުކޮށްހުރި އުޅަނދުތައް ނޯޓު ކޮށްފައިވެއެވެ.

ދެވަނަ ބައްދަލުވުން މި މަހުގެ 11 ވަނަ ދުވަހު ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ބާއްވާފައިވާއިރު، ދަރިވަރުންގެ މުސްތަޤުބަލަށްޓަކައި ބެލެނިވެރިޔާގެ ދައުރުގެ މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ދަރިވަރަކީ މުޖްތަމަޢަށް ބޭނުންހިފޭ ދަރިވަރަކަށް ހެދުމަށްޓަކައި ބެލެނިވެރިންގެ ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކާއި ބެހޭގޮތުން މަޢުލޫމާތުދީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މި ދެދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ވެސް ވަރަށް ކާމިޔާބު ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް