ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަގާމުން ފާރިޝް އިސްތިޢުފާ ދެއްވައިފި

ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަގާމުން އަލްއުސްތާޛު މޫސާ ފާރިޝް އަޙްމަދު އިސްތިޢުފާ ދެއްވައިފިއެވެ. ހައިކޯޓުގެ މަގާމަށް އައްޔަންކުރުމުގައި އިޖުރާޢަތްތައް ފުރިހަމަކޮށްފައިނުވާކަމަށްބުނެ ހައިކޯޓ...

12 Jun 2019 | 08:16

ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަގާމުން އަލްއުސްތާޛު މޫސާ ފާރިޝް އަޙްމަދު އިސްތިޢުފާ ދެއްވައިފިއެވެ.

ހައިކޯޓުގެ މަގާމަށް އައްޔަންކުރުމުގައި އިޖުރާޢަތްތައް ފުރިހަމަކޮށްފައިނުވާކަމަށްބުނެ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދާދިފަހުން ވަނީ އޭނާ ވަކިކުރުމަށް ނިންމެވި ކަމުގައި ވީނަމަވެސް، ސްޕްރީމް ކޯޓުން ނިންމަވާފައިވަނީ ފާރިޝް އެމަގާމަށް ހޮވުމުގައި އިޖުރާޢަތްތައް ފުރިހަމަކޮށްފައިވާކަމަށެވެ.

ހައިކޯޓްގެ އެސިސްޓެންޓް ރަޖިސްޓްރަރ ކަމުގެ މަގާމުން އިސްތިޢުފާދެއްވި ސަބަބެއް ކަމުގައި ފާރިޝް ވިދާޅުވީ، މަގާމަށް ހޮވުމުގައި މައްސަލައެއް ނެތްކަމަށް ސްޕްރީމް ކޯޓުން ނިންމެވި ކަމުގައި ވީނަމަވެސް، ހައިކޯޓުގެ ފަނޑިޔާރުންނަށް ކުރާ އިޙްތިރާމެއްގެ ސަބަބުންނާއި، އަދި ހައިކޯޓުގެ ފަނޑިޔާރުންގެ ހައިބަތަށާއި ނަންފުޅަށް ހުތުރެއް އައުމަށް ނޭދޭތީއާއި، ޖުޑީޝަރީގެ ނަން ކިލަނބުވުމަށް ބޭނުންފުޅުނުވާތީ ކަމަށެވެ.

ފާރިޝް ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވަނީ ބެޗްލަރ އޮފް ލޯ އިން ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. މާސްޓަސް ފުރިހަމަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ސިޓީ ޔުނިވަރިސިޓީ އޮފް ލަންޑަނުން މާސްޓަރ އޮފް ލޯސް އިން އިންޓަރނޭޝަނަލް ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިންނެވެ. މަހާތުމާ ގާނދީ އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއަރ އަދި މާގަރަޓް ތެޗަރ ފަދަ ބޭބޭފުޅުން ޤާނޫނީ ދާއިރާއިން ކިޔަވައި ވަޑައިގެންނެވި ސިޓީ ލޯ ސުކޫލުގެ މާސްޓަރ އޮފް ލޯސް ކޯހުން ފާރިޝް ވަނީ ދެވަނަ ހޯދާފައެވެ. އަދި މީގެއިތުރުން ތިން މޮޑިއުލްއަކުން އެއްވަނަ ހޯދުމުގެ ސަބަބުން، ސިޓީ ލޯ ސުކޫލް އެވޯޑް ފޯ މަނީ ލޯންޑަރިންގ އާއި ސިޓީ ލޯ ސުކޫލް އެވޯޑް ފޯރ އިންޓަރނޭޝަނަލް ބޭންކިންގ ލޯ އަދި އިނގިރޭސިވިލާތުގެ މަޝްހޫރު އެވަރޝެޑްސް-ސަދަލޭންޑު ލޯފާމުން ދޭ އެވަރޝެޑްސް-ސަދަލޭންޑް އެވޯޑް ފޯރ އިންޓަރނޭޝަނަލް އިންވެންޓްމަންޓް ލޯވެސް ހޯދާފައެވެ.

ފާރިޝް ކުރިންވަނީ މަޝްހޫރު ލޯފާމް މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސްގައި ޤާނޫނީ ވަކީލުކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ލީގަލް އޮފިސަރގެ މަގާމާއި، އަދި އިތުރު ބައެއް އަމިއްލަ ލޯފާމްތަކުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައެވެ. މީގެއިތުރުން، ފާރިޝް މިހާރުވެސް ގެންދަވަނީ ވިލާކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ވިޒިޓިންގ ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް