ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން "ޓްރޭޝް ޓެގް ޗެލެންޖް އެމްވީ" ގެ ނަމުގައި ބީއެމްއެލް އިން ފަށާފައިވާ ޚާއްސަ ކެމްޕޭން ވަރަށްވެސް ކާމިޔާބެވެ.
މިދިޔަ ފިޠުރު ޢީދު ބަންދުގައި މި ކެމްޕޭނު މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ށ.ފުނަދޫ، ޅ. ނައިފަރު، ލ.ގަން، ކ. ދިއްފުށި، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގއ. މާމެންދޫ ފުވައްމުލައް، އަދި އައްޑޫ ސިޓީގެ ރަށްތައް ހިމެނެއެވެ.
ބީއެމްއެލްގެ މުވައްޒަފުން އެކި ރަށްރަށަށް ގޮސް ފެށި މި ކެމްޕޭނަށް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. މި ކެމްޕޭނުގައި އެކި ރަށްރަށުން ވަނީ އެކި ހިސާބުތަކުން ކުނި ނަގައި އެ ސަރަހައްދުތައް އެކީ ސާފުކޮށްފައެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، މި ކެމްޕޭނުގެ އެންމެ ބޮޑު މަގްސަދަކީ ތިމާވެށި ހިމާޔަތް ކުރަން އަދާކުރަންޖެހޭ ފަރުދީ އަދި އިޖްތިމާއީ ޒިންމާއެއް ކަމަށްވުމާއެކު އެންމެން އެކުއެކީގައި މަސައްކަތްކޮށް ވަށައިގެންވާ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދީ ހޭލުންތެރިކުރުވުމެވެ.
ނިމިދިޔަ ޢީދު ބަންދު ވެގެން ދިޔައީ ބީއެމްއެލްގެ މުވައްޒަފުންނާއި އެކު ސާފު ރާއްޖެއަކަށް، ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުން އެކީ ނިކުމެ މަސައްކަތް ކުރި ބަންދަކަށެވެ. ބީއެމްއެލް އިން ފެށި މި ކެމްޕޭނަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލުމެއް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް